އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްފައިވަނިކޮށް އަލުން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
އެރަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ފުރަތަމަ ނިންމިއެވެ. ފަހުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ނިންމި ނަމަވެސް ބަންދު މުރާޖައާ ކުރަން އޭނާގެ ފަރާތުން އެދުމުން އޭގެ ދުވަސްކޮޅެއް ފަހުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.
އޭނާ ދޫކޮށްލަން ކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު އެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށް ގެންދެވި ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނިންމަވާފައިވަނީ އޭނާ ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށެވެ.
އޭނާ ދޫކޮށްލީ ބަންދު މުރާޖައާނުކުރެވި ދިގުލައިގެން ދިއުމުގެ ސަބަބުން ކަމަށް ދަށު ކޯޓުން ބުނެފައިވީ ނަމަވެސް ބަންދު މުރާޖައާނުކުރެވުމަކީ މީހަކު ބަންދުން ދޫކުރަން އޮންނަ ސަބަބެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ. އަދި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއުއެވެ.