ޖިންސީ ކުށުގެ ދައުވާގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހި ފުލުހަށް އަންގައިފިއެވެ.

ފުލުހުން ބުނީ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންނަށް ރަސްމީކޮށް މިއަދު އަންގާފައިވާ ކަމަށެވެ.

މި ދިޔަ މަހުގެ 25 ވަނަ ދުވަހު އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މީޑިއާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އިނގިރޭސިވިލާތުގެ ފުލުހުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން އޭރު ފުލުހުން ވަނީ އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ބޭރުގެ ރަސްމީ އެއްވެސް އިދާރާއަކުން ލިބިފައިނުވާ ކަމަށް ބުނެފައވެ.

އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަމާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫކޭގެ ފުލުހުން ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އޭނާ ރާއްޖެ އައުމަށް ކްރިމިނަލް ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް އޮތީ އަންގާފައެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.

އެ 7 ދައުވާގެ އަޑުއެހުން މިދިޔަ މަހުގެ 26 ވަނަ ދުވަހަށް ތާވަލް ކުރުމަށްފަހު އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.