ދިރިނޫޅެވޭ ވަރުގެ ތަންތަނުގައި އުޅޭ މީހުންނަށް މާލޭ ސަރަހައްދުން ގޯތި ދޭން ސަރުކާރުން ވި ވައުދު ފުއްދާ ނުދޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ގޯތިގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދިރިނޫޅެވޭ ވަރުގެ ކުދި ބިންތަކުގައައި ކުދިކުދި ފްލެޓުތަކުގައި އުޅޭ މީހުންނަށް އެ މީހުން އިހްތިޔާރުކުރާ އެހެން ތަނަކުން ގޯއްޗެއް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އަދި މާލޭގެ އާބާދީ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަކީ ވެސް ވައުދެކެވެ.

އެ ވައުދަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި އަދި ސަރުކާރުގެ އެސްއޭޕީގައި ހިމެނޭ ސިޔާސަތުތަކެއް ކަމަށާއި އެއީ ވި ވައުދުތަކެއްކަން ރައީސް އޮފީހުގެ ވެބްސައިޓުން ވެސް އެނގޭ ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.

ބޮންޑޭ މަޖިލީހަށް ހުށައެޅުއްވި މައްސަލައިގައި ގޮވާލައްވައިފާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި އެ ވައުދު ލަސްނުކޮށް ފުއްދެވުމަށެވެ. މީގެ ކުރިންވެސް ބޮންޑޭ ވަނީ މަޖިލީހުގައި މި ވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެމްޑީޕީ ތެރޭގައި ވަނީ ދެ ޕެކްޝަނެއް އުފެދިފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި އަދިވެސް ގިނައީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

ސަރުކާރުން ކަންކަން ކުރާ ގޮތުން ވަރަށް ގިނައިން ފާޑުވިދާޅުވާ ބޮންޑޭ ވަނީ ނަފްރަތުގެ ބިލުގެ ބަހުސްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފައެވެ.