ގއ. ކަނޑުހުޅުދޫގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކަނޑުހުޅުދޫގައި އަންހެނުންތަކެއް މިއަދު ހެނދުނު މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މާރާމާރީގައި 22 އަހަރުގެ އަންހެނަކަށް އަނިޔާވެ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު އޭނާ ދޫކޮށްލައިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނއގާފައި ވަނީ ތިން އަންހެނެއްގެ މެދުގައެވެ. އޭގެ ތެރެއިން އެކަކީ މާބަނޑު އަންހެނެއް ކަމަށާއި އަނެއް ދެ މީހުންގެ ތެރެއިން އުމުރުން 22 އަހަރުގެ އަންހެނަކަށް ބޮޑަށް އަނިޔާވެ، އޭނާގެ ނޭފަތް ވެސް ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މާރާމާރީގައި އަނިޔާ ލިބުނު އަންހެން މީހާގެ ނޭފަތް ފެޅުމުން ނޭފަތުން ލޭ އައިސްފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފައެވެ.
މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މާރާމާރީ އަކީ ތަހުގީގު ކުރަމުން ގެންދާ މައްސަލައަކަށް ވުމުން ކަނޑުހުޅުދޫ ކައުންސިލްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.