2023 ގެ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ގެ ނަން އޮންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކުރިއަށް ގެންދާ "އައްޑަނަ" ޖަލްސާގައި ދެއްކެވި ވާހަކައިގައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނު ނަން 2023 ގެ އިންތިހާބުގައި އޮންނާނެ ކަމަށެވެ.

ސަރުކާރު ހިނގަމުންދާ ގޮތަށް ފާޑު ވިދާޅުވަމުން، ޖަމީލް ވިދާޅުވީ އައްޑޫއާއި ދައްޕަރު އަދި ހަނިމާދޫ ވިއްކާލައިފި ކަމަށާއި ދެން ވިއްކަން އޮތީ ގައުމީ ދިދައާއި ލަވަ ކަމަށެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަކީ ހުސްކުރާ ސޭލްގެ އުސޫލު ގެންގުޅޭ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވަމުން ޖަމީލު ވިދާޅުވީ ސޭލްގައި ގައުމު ވިއްކާލައިފި ކަމަށެވެ. ޖަމީލު އެވާހަކަތައް އަމާޒު ކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަހުނު ކޮށްގެންނާއި އިސްލާމިކް ފައިނޭންސް އުސޫލުން ދައުލަތުގެ މުދަލާއި ބިންބިމާއި ފަޅުތަކާއި ރަށްތައް ވިއްކާ މައްސަލައަށެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމްއިން ބާއްވާ ޖަލްސާ

ކާނިވާ ސަަރަހައްދުގެ ޖަލްސާ ކުރާ މައިދާނުގައި ޖަހާފައި ހުރި ހުރިހާ ގޮނޑިއެއް ވަނީ ފުރިފައެވެ. ޖަލްސާގެ ބައެއް ބައިވެރިން ބުނި ގޮތުން މިރޭ 2000 އަށް ވުރެ މީހުން ދަނީ ބައިވެރިވަމުންނެވެ.

މިރޭ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުުރުމަށްވެސް ގޮވާލެއްވިއެވެ. ވަރަށް އަވަހަށް އިދިކޮޅުގެ މަގުމަތީ ހަރަކާތް ފައްޓަވާނެ ކަމުގެ އިޝާރާތްވެސް ވަނީ ކޮށްފައެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމްއިން ބާއްވާ ޖަލްސާގައި ބައިވެރިން ޕޯސްޓަރުތައް ހިފައިގެން

ޖަލްސާގައި ބައިވެރިވި އާންމުން ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެންނެވެ. އަދި މި ސަރުކާރުން ވެފައިވާ ބައެއް ވައުދުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.

އިދިކޮޅުން ޖަލްސާއެއް މި ބާއްވަނީ މިފަދަ ޖަލްސާއެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމާއި ގުޅުވައި ސަރުކާރުން ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކޮށްފައެވެ.