ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުއެވެ.

މަންދީ އަށް އަނިޔާ ލިބުނު މާރާމާރި ހިނގާފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އެމްޑީޕީ އޮފީހުގައި ހުރި ފިރިހެން މުވައްޒަފަކަށް ވެސް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި މަންދީގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މި ހަމަލާ ދީފައިވަނީ އެމްޑީޕީ ސެކްރެޓޭރިއެޓްގައި ހިމެނޭ ފިރިހެން މުވައްޒަފަކެވެ.

މިކަމާއި ގުޅިގެން މަންދީ ވަނީ އޭނާއަށް އަނިޔާ ކުރި މީހާ ގެންގޮސް ގޮޅިއަކަށް ލާ އެތައް ދުވަހެއް ވަން ދެން ބޭއްވުމަށް ފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރަން ނޭދޭ ކަމަށާއި އެ މީހާއަކީ ފަރުވާ ބޭނުންވާ މީހެއް ކަމަށް ވިދާޅުވެއެވެ.

މަންދީ މިހެން ވިދާޅުވި އިރު އެމްޑީޕީން ވަނީ އެ އޮފީސްތެރޭ ހިންގި މާރާމާރި އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަށް ގޮވާލާފައެވެ. އަދި އެޕާޓީން ވަނީ އެ އަމަލު ހަރުއަޑުން ކުށަވެރިކޮށް އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެފައެވެ.