ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 303،129 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 384،979 މީހުންނެވެ. އޭގެތެރެއިން 303،129 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހު އަތޮޅުތެރެއިން 582 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 229 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 353 މީހެކެވެ. ހަމައެއާއެކު މާލެއިން 570 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 306 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 264 މީހެކެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.