ހއ. ފިއްލަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާލުވެއްޖެއެވެ.
ހަމްދާން އެހެެން ވިދާޅުވީ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސާސުގެ ތެރެއިން ހއ. ދައްޕަރު ވަކިކުރުމާ ގުޅިގެން އެރަށު ރައްޔިތުންނާއި ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ހަމްދާން ވިދާޅުވީ ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެ ވެސް، މިއަދުވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާތަކަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، އެ ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށް ވެސް ހަމްދާން ވިދާޅުވެއެވެ.
ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެކަމާ ގުޅިގެން ކައުންސިލުން ބަޔާނެއް ނެރެފައި ވާއިރު ދައްޕަރު އަލުން ފިއްލަދޫގެ ކައުންސިލްގެ އިހްތިސާސްގައި ހިމަނާ ދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.
އެގޮތުން އެ ބަޔާނުގައި ފިއްލަދޫ ކައުންސިލުން ވަނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށާ އެކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ލިބެމުން ދާތީ އެކަމާ ގުޅިގެން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ބުނެފައެވެ.
އަދި އެކަމައްޓަކާ، ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކުން މައުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެ ރަށުގެ ރައްޔިތުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށާފައެވެ.
އެ ރަށު ރައްޔިތުން ސޮއިކުރާ މި ޕެޓިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ދައްޕަރު އެއީ ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ކަނޑައެޅުމަށް ފަހު ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި ކުރީގެ ނިންމުމަށް ބަދަލު ގެނެސް އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ދައްޕަރު، އިންޑިޔާ މީހުންނަށް ސެކަންޑް ހޯމް އަޅަން ދޭން އުޅޭ ކަމުގެ އަޑު މީގެ ކުރިން ވަނީ ގަދަވެފައެވެ. އެހެންނަމަވެސް އެއީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޮތީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައްޕަރުގައި ވިލާ އާއި ވޯޓާ ބަންގަލޯ އެޅުމަށް ފަހު ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްކާލާ ވާހަކަވެސް ދަނީ ދެކެވެމުންނެވެ. ދައްޕަރު، ފިއްލަދޫން ވަކިކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި "ސޭވް ދައްޕަރު" ގެ ނަމުގައި މިހާރު ވަނީ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ.