ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ އެކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.

7 އަހަރުގެ ޖިއާން ޑިސެމްބަރު، 16، 2018 ގައި މަރުވީ އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ވަރަށް ބޮޑަށް ޒަހަމްވުމުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ޖިއާންގެ މައިންބަފައިން އެދިފައިވަނީ ބަދަލަށް 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް ވިޔަސް ކޯޓުން ހުކުމްކޮށްފައިވަނީ ގެއްލުމަށް ނަގައިދެވޭނީ 4.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭ ދެއްކުމަށް ވެސް ހުކުމްކޮށްފައިވެއެވެ.

ސިމެންތި ބަސްތާ ވެއްޓި ޖިއާން މަރުވި މައްސަލައިގައި ހަ މީހަކަށް 2019 ވަނަ އަހަރު ދައުވާކުރިއެވެ. އެއީ، ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގާއި އެ ކުންފުނީގެ ސުޕަވައިޒަރު ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އަދި އިންޑިއާގެ ހަތަރު މީހެކެވެ. އޭގެ ތެރެއިން ޝަފީގް ފިޔަވައި، އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ކުށް ސާބިތުވި މީހުންގެ ތެރެއިން ޖަލަށްލީ ދެ ބިދޭސީ އެކެވެ.

ދެން ތިބި މީހުންގެ ތެރެއިން މޫސަގެ މައްޗަށް 115،200 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އިއްވިއިރު، އަނެއް ބިދޭސީންނަށް އިއްވީ 7،200 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.