ރާއްޖޭން ބޭރުން އިސްލާމް ކިޔަވައިދޭން ޓީޗަރުން ގެނައުމަކީ ބޮޑު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް އެހެން ވިދާޅުވީ ހަރުކަށި ފިކުރަށް ދަރިވަރުން ދިއުން ހުއްޓުވަން އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުން ދާ ކަމަށް އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" އިން ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ އިސްލާމީ ރިވެތި އުސޫލު ރާއްޖެއިން ފޮހެލުމަށްޓަކާ ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިހާރުން މިހާރަށް އެ ޖަރީމާ ހުއްޓާލުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ.

މިކަމަކީ އިސްލާމީ ރިވެތި އުސޫލު ރާއްޖެއިން ފޮހެލުމަށްޓަކާ ހިންގާ ބޮޑު ޖަރީމާއެއް، އަޅުގަނޑުމެންގެ ދަރިން ވެސް ކިޔަވާ އިސްލާމް އެއް ވަނަ ހޯދި ހަރުކަށިފިކުރެއް ނެތް ކިޔަވައިދެނީ ރަނގަޅަށް، މިހާރުން މިހާރަށް މި ޖަރީމާ ހުއްޓާލުމަށް ގޮވާލަން
ރައްޔިތުންްގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)

ސަލީމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ފިޔަވަޅަކަށް ވެދާނެ ކަމަށެވެ. އަދި ބޭރުން ގެންނަ މީހުންނަކީ "އެކްސްޓްރީމިޒަމް"، "ޓެރަރިޒަމް" ގެ އެޖެންޓެއް ނޫންކަން ކަށަވަރުކުރަން ދަތިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކުދިން ތަރުބިއްޔަތެއް ނުކުރެވޭނެ ކަމަށާ ބަހުރުވައަކީ ވެސް މައްސަލައަކަށް ވާނެ ކަމަށެވެ. އަދި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ މެއި 6 ކޮމިޓީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވަނީ ކޮމެޓީގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއެކު ބޭއްވި ބައްދަލުވުމުގައި ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު ވާހަކަ ދެކެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރަށްރަށުގައި ހަރުކަށި ފިކުރަށް ހެއްލޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށާ އެކަންކަން ހުއްޓުވަން އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ވަކި އަދަދަކަށް އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް މިނިސްޓްރީން ގެންގުޅުއްވާ ކަމަށް އަފީފް ވިދާޅުވިއެެވެ.