ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދައުވާ އުފުލާފައިވާ ބައެއް މީހުންގެ މައްސަލައިގައި ހުށަހަޅާފައިވާ ބައެއް ހެކި ސިއްރުކުރަން ދައުލަތުން އެދިއްޖެއެވެ.

މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި މަޑުއްވަރީ، ގުލްއަލާގެ، އިބްރާހިމް ޖިހާދާއި މަޑުއްވަރީ، މީރާ، ހަސަން ރާޒީ އާއި މަޑުއްވަރީ، މީޒާން، ހަސަން ސިޔާދާއި، މަޑުއްވަރީ، މީޒާން، އާދަމް ސުހެއިލާއި މަޑުއްވަރީ، ސައީދާ މަންޒިލް، މުހައްމަދު މައުޖޫދާއި ނ. މަނަދޫ، ގަހާ، އިބްރާހިމް ޝިބުނީ ހިމެނެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މައުޖޫދު ފިޔަވައި އެެހެން އެންމެންގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވާއިރު މިއަދު އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ އެއާ ބެހޭގޮތުން ވާހަކަ ދެއްކުމުވެ. އެގޮތުން ދައުލަތުގެ ހަތް ފަރާތެއްގެ ހެކިބަސް ސިއްރުން ނަގައިދިނުމާއި ބައެއް ލިޔުންތައް ސިއްރު ކުރަން ދައުލަތުގެ ހުށަހެޅުންތަކެއްގެ ގޮތުގައި ވަނީ އެދިފައެވެ.

ދައުލަތުގެ ވަކީލު ވަނީ އެ ހެކިތައް ސިއްރުނުކޮށްފި ނަމަ ބައެއް ފަރާތްތަކަށް ޖިސްމާނީ އަދި އިގްތިސާދީ ގެއްލުން ވެދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުލަތުން ހުށަހަޅާ އެކި އެނަލިސިސް ރިޕޯޓުތަކާއި ރާޒީގެ އަންހެން ދަރިފުޅު ދައްކާފައިވާ ވާހަކަތައް ހިމެނޭ ރިޕޯޓެއް ސިއްރު ކުރަން އެދުނު ލިޔުންތަކުގެ ތެރޭގައި ހިމެނެއެވެ.

ހުރިހާ ލިޔުންތަކެއް ހާމަކޮށްގެން ކުރިއަށް ގެންދިޔުމަށް ދިފާއީ ވަކީލުން އެދިފައި ވާއިރު ދިފާއީ ވަކީލުން ވަނީ އެ ލިޔުންތައް އެނގުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ވަނީ ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް ވިދާޅުވެފައެވެ. އަދި އެ އަޑުއެހުމުގައި ހުށަހެޅުންތަކާ ބެހޭގޮތުން ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ޖިހާދާއި ސުހެއިލް އަށް ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާއެވެ. ރާޒީއެއް ތިން ދައުވާއެއް ކޮށްފައިވާއިރު އޭގެ ތެރޭގައި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އަދި އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ދައުވާ ހިމެނެއެވެ.

އޭގެ އިތުރުން ސިޔާދު އަދު ޝިބުނީއަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ. އަދި މައުޖޫދުއަށް ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ކޮށްފައެވެ.