ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިސްމާއިލް ހައްމާދާއި ކަނޑުމަތީގައި ހިނގި ދެބަސްވުމެއްގައި އޭނާ މަރާލަން ހަމަލާދިން މައްސަލާގައި އިސްމާއިލް އާސިފް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ދައުލަތުން ރ. މަޑުއްވަރީ، ބީޗު ހައުސްއާސިފްގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ ނޮވެންބަރު 22، 2019 ވަނަ ދުވަހު 1:30 އާއި 2:55 ކާ ދެމެދުގެ ވަގުތެއްގައި "ޖަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި ހައްމާދުގެ ބޮލަށާއި ކޮލަށާއި ކަންފަތަށާއި އަތަށާއި ތުންފަތަށާއި ބުރަކަށްޓަށް ހަ އިންޗި ހުންނަ ވަރުގެ ކިވީ ބްރޭންޑްގެ ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.
އާސިފް ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރުކޮށް، ހައްމާދަށް ލިބިފައި ހުރި އަނިޔާއަކީ މޫދަށް އަމިއްލައަށް ފުންމާލާއިގެން ފަތާފައި އއ. މާޅޮހަށް ދިއުމުގެ ތެރޭގައި އާނުގަނޑެއް ފަދަ ތަނެއްގެ މައްޗަށް ވެއްޓުމުން ލިބިފައި ހުރި ޒަހަމްތަކެއް ކަމަށް ބުނެފައެވެ.
އެ ދޯނީގައި ހުރި ލަކުޑިތަކެއްގައާއި އިންޖީނުގެ މަތީގައި އަޅާފައި އޮތް ސަތަރިގަނޑެއްގައާއި އިންޖީނު ތެރެއަށް ވާގޮތަށް އިން ގުންބާއެއްގައާއި މެދު ވަތުގެ މަތީގައި ހުރި ހަމެއްގައި ވެސް ލޭ ހުރިއިރު އެ ލެޔާއި ހައްމާދުގެ ޑީއެންއޭ ދިމާވެއެވެ. އަދި އާސިފްގެ އަތްތިލައިން ނެގި ސްވަބް އިން ހައްމާދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.
އާސިފް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް ނޮވެންބަރު 22، 2019 އިން މިއަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހަށް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކުރުމަށްފަހު އާސިފް ހުކުމުގައި ދެން ތަންފީޒުކުރަން ޖެހޭނީ 7 އަހަރާއި 3 މަހާއި 10 ދުވަހެވެ.
ތިކަހަލަ ޑީއެންއޭ ކީއްވެތަ އަލަންގިރީގެ ލޯބިވެރިން އަތުން ނުނެގިގެން ތިއުޅެނީ