މިދިޔަ ޖޫމް 23 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީ އަށް އަރާ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި 6 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާ، އަނެއް 5 މީހުންގެ ބަންދަށް 8 ދުވަސް ޖަހައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުުރު ކުރުމަސް އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން 28 އަހަރުގެ މީހާއަށް ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ދެން ތިބި މީހުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 8 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މުއްދަތު އިތުރުކޮށްފައި ވަނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި، 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހެއްގެއެވެ.
ފުލުހުން ބުނީ، އެމީހުންގެ ތެރެއިން 5 މީހަކު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ 3 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއް ވެސް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލައިގައި ހަވަނަ މީހަކު ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައި ވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.