ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުރާ މީހުންނަށް އެއްގަމާއި ކަނޑު ދަތުރުތަކުގައި ހިދުމަތް ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް އަންގާފައެވެ.

އެގޮތުން އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާ، އަދި ޑޮމެސްޓިކް ވައިގެދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތް ދިނުމުގައި އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ހިދުމަތް ނުދިނުމަށް ވަނީ އަންގާފައެވެ.

އޭގެ އިތުރުން ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ހިދުމަތްތައް ދޭފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ހިދުމަތް ނުދިނުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީން އެހެން އަންގާފައިވާއިރު އެޗްޕީއޭއިން ވަނީ ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް ބާރު އެޅުމަށްޓަކާ ވެކްސިން ޖެހުމަށް ޝަރުތުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކާމެދު، ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

އެގޮތުން ހޮޓާ ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުމާއި ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުމުގެ ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފްލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން ހިމެނެއެވެ. އަދި ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ހިދުމަތްތައް ދޭ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ، ވަކި ކަންކަމެއް ޝަރުތުކުރުން ވެސް ހިމެނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް، ސިވިލް ސާވިސްގެ މުވައްޒަފުގެ ތެރެއިން ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުން ވެކްސިން ޖެހުމަށާ، އަދި ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފާ ނުވާ މުވައްޒަފުން، ސެޕްޓެންބަރު 1، 2021 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ވަނީ ބުނެފައެވެ.