ގްރީންލަންޑްގެ އައްސޭރިފަށުގެ ސަރަހައްދުން ބޭރުން، ދުނިޔޭގެ އެންމެ އުތުރުބިތުގައި ވާ ރަށް ފެނިއްޖެ ކަމަށް، ސައެންސްވެރިންގެ ގުރޫޕަކުން ބުނިފިއެވެ.

މި ރަށް ފެނުނީ ނަސީބަކުން ކަމަށްވެސް ސައެންސްވެރިން ބުނެއެވެ.

އެއީ މިދިޔަ ޖުލައި މަހެވެ. ސައެންސްވެރިން އުދުހެމުން ދިޔައީ، 1978 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރެވިފައިވާ އޯޑާގް އައިލަންޑް ނަމަކަށް ކިއާ ރަށަކުން ސާމްޕަލްތަކެއް ނެގުމަށެވެ.

ނަމަވެސް އާކްޓިކްގެ ރަށްތައް ދަފްތަރު ކުރުމުގައި ހަރަކާތްތެރިވާ ޑެންމާކުގެ އޮފިޝަލު މެދުވެރިކޮށް، ސައެންސްވެރިން ތިބި ހިސާބު ދެނެގަތް އިރު، އެމީހުންނަށް ތިބުނީ، 800 މޭލު އުތުރަށް ދަތުރު ކުރެވިފައެވެ.

ގްރީންލަންޑް މިލްކުވަނީ ޑެންމާކަށެވެ.

މި ސަރަހައްދުން ފެނުނު ރަށަކީ، ސައެންސްވެރިން ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ އުތުރު ތަނޑިއާ އެންމެ ގާތުގައި ވާ ރަށެވެ.

ގުރޫޕުގެ ލީޑަރެއްގެ ގޮތުގައި ހުންނެވި، ޔުނިވާސިޓީ އޮފް ކޯޕަންހޭގަންގެ މޯޓަން ރާޝް ވިދާޅުވީ، ދަތުރުގެ ހަގީގީ އަމާޒަކަށްވީ ދުނިޔޭގެ އެންމެ އުތުރުގައި އޮތް ރަށް ކަމަށް ކުރި ބަލަމުން އައި އޯޑާގް އައިލަންޑްއިން ސާމްޕަލް ނަގާ، އާ ދިރުންތައް ދެނެގަތުން ކަމަށެވެ.

"6 މީހުން ދަތުރު ކުރަމުން ދިޔައީ ހެލިކޮޕްޓަރުގަ. ދާންޖެހޭ ހިސާބަށް ގޮސް ބެލިއިރު، އޯޑާގް އައިލަންޑެއް ނުފެނުނު. ދެން ރަށް ފެނޭތޯ ދުއްވަނިކޮށް، އެއްވެސް ގަހެއް ނެތް ޗަކަ ބިމެއް ފެނި، އެތަނުގައި ބޯޓު ޖެއްސީ" އޮޅުމެއްގެ ތެރެއިން، ދުނިޔޭގެ އެންމެ އުތުރުގައި ވާ ރަށް ފެނުނު ގޮތް ރާޝް ކިޔައިދެއްވިއެވެ.

ސައެންސްވެރިން މިހާރު ދަނީ، "ދުނިޔޭގެ އެންމެ އުތުރު ރަށް" މި ނަމުން، މި އާދަޔާ ހިލާފު ރަށަށް ނަން ދިނުމަށް މަސައްކަތް ކުރަމުންނެވެ.