ކޮވިޑާ ގުޅިގެން އދ. މަހިބަދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

މަހިބަދޫ މޮނިޓަރިންގެ ހާލަތަށް މިއަދު ގެނެސްފައި ވަނީ ރޯގާގެ އަލާމާތެއް ހުރެގެން މި މަހުގެ 24 ވަނަ ދުވަހު ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި މިހާރު ވަނީ ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއްވެސް ޕޮޒިޓިވްވެފައެވެ. މިއާއި އެކު މަހިބަދޫ ގެ އެކްޓިވް ކޭސްގެ އަދަދަު ވަނީ 2 ކަށް އަރާފައެވެ.

މޮނިޓަރިންނަށްލާފައިވާ ރަށްތަކުގެ އަދަދު ދަށްވުމަށް ފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އެ އަދަދު އިތުރުވާން ފަށާފައެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު މޮނިޓަރިންނަށްލީ ރަށްތަކުގެ ތެރެއިން ތިން ރަށެއް އަދިވެސް އޮތީ މޮނިޓަރިންގައެވެ. އެއީ ށ. ފީވައް، ކ. ކާށިދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މި މަހުގެ މޮނިޓަރިންނަށްލީ 13 ރަށެއް މި ލިސްޓުގައި އަދިވެސް ހިމެނެއެވެ. އެއީ އއ. ހިމަންދޫ، އދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، ގއ. ކަނޑުހުޅުދޫ މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކު ސިޓީ، ގދ. ގައްދޫ، ގދ. މަޑަވެލި، ތ. ވޭމަންޑޫ، ލ.މުންޑޫ އާއި ށ. މިލަންދޫ އަދި އދ. މަހިބަދޫއެވެ.