ރާއްޖެއިން މިއަދު ކޮވިޑަށް 103 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 20 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 68 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 15 މީހެއް ކަމަށެވެ.

މި އަދަދަކީ ޓެސްޓު ކުރި 4،721 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވާ އަދަދު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ޕޮސިޓިވްވި 103 މީހުންނާއެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 80،539 އަށް އަރާފައެވެ. އަދި މިއަދު 180 މީހުން ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއި ބަލިން ރަނގަޅުވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1607 ގައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 225 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 11 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 538 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 176 މީހަކު މަރުވެފައެވެ.