އެންމެ މުހިންމު ކަމަކީ، ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތް ކޮށް، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަ ކުރި ސިފައިން ހުވާކުރުމާއި ބަޑިހަވާލުކުރުމަށް ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލަށް ދިވެހި އަސްކަރިއްޔާގެ ހިދުމަތާ ގުޅުނު ސިފައިންނާ މުހާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުމާއި، ގާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ގާނޫނީ ވެރިކަން ހިމާޔަތް ކޮށްދިނުން ކަން ފާހަގަ ކުރެއްވިއެވެ.

އަދި މާތްވެގެންވާ އިސްލާމް ދީނާއި، ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަހައްދީ ފެންވަރުގަޔާއި ބައިނަލްއަހްވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަ ކުރައްވާ އެފަދަ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫތު ހިއްސާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލާ، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުން ގެންދަވާ ކަމަށާ އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކު ރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލްކަން، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި އިތުރުވެގެން ދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިފައިންގެ ހިދުމަތާ އަލަށް ގުޅުނުު ސިފައިންނާ މުހާތަބުކުރައްވާ ރައީސް ވަނީ، ގާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ގާނޫނާއި ސިފައިންގެ ތެރޭގައި އަމަލުކުރަމުން އަންނަ އެންމެހާ ގަވައިދުތަކާއި އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ސިފަވަންތަ ބައެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރުމުގައި ދެމިތިބުމަށް ސިފައިންނަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، ދީނާއި ގައުމު ދިފާއުކުރުމުގައާއި އަދި އެމީހުންގެ އާއިލާތަކަށާއި ދިވެހި ގައުމަށް ރީތި ނަން ހޯދައިދޭ ބަޔެއްގެ ގޮތުގައި ދެމިތިބުމަށް ގޮވާލައްވަމުންނެވެ.

ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ. އަދި ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު އެ ސިފައިންނަށް ހުވާލައިދެއްވީ ސިވިލްކޯޓުގެ ގާޒީ އަލީ ނަސީރެވެ.

ރޭގެ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ އިސްވެރިން ރޭގެ އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.