ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމުގެ ގޮތުން 2 ޑޯޒްގެ ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންގެ ހަށިގަނޑުގައި، ބައްޔާ ދެކޮޅަށް ރައްކާތެރިކަން އުފައްދާ ދީފައި ވާ މިންވަރު، ހީނަރު ވަމުން އަންނަ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

ދިރާސާ ކުރާ ފަރާތްތަކުން މިކަން ހާމަ ކޮށްފައި ވަނީ، މެއި 2021 އާއި ޖުލައި 2021 އާ ދެމެދު ހަދާފައިވާ ކޮވިޑް ޕީސީއާރް ޓެސްޓުތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މިލިއަނަކަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްގެން ހެދި މި ދިރާސާގެ ބައިވެރިންނަކީ، ފައިޒާގެ ކޮވިޑް ވެކްސިން ނުވަތަ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނެވެ.

ފައިޒާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންނަށް ބަލާއިރު، 2 ވަނަ ޑޯޒް ފުރިހަމަ ކުރިތާ މަސް ދުވަހުގެ ތެރޭގައި ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު 88 ޕަސެންޓަށް ދަށްވި ކަމަށް ދައްކައެވެ. އަދި 5-6 މަހާއި ދެމެދު، 74 ޕަސެންޓަށް މި އަދަދު ދަށްވިއެވެ.

ފައިޒާ ވެކްސިން ޖަހަން ސިރިންޖު ތައްޔާރު ކުރަނީ / ފައިލް ފޮޓޯ: އޭއެފްޕީ | ގެޓީއިމޭޖަޒް

އަސްޓްރާޒެނީކާގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންނަށް ބަލާއިރު، 4 މަހާއި 5 މަހާ ދެމެދު، 77 ޕަސެންޓުން 67 ޕަސެންޓަށް، މި ނިސްބަތް ދަށްވި ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް ނަމަވެސް، ކޮވިޑް ޖެހިގެން ހާލު ސީރިއަސްވެ، ފުރާނައަށް ނުރައްކާވެ، މި ދުނިޔެއާ ވަކިވެ ދިއުމަށް އޮތް ފުރުސަތު، ކޮވިޑް ވެކްސިންގެ ސަބަބުން ކުޑަކޮށްދޭ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޕަބްލިކް ހެލްތު އިންގްލަންޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް ވެކްސިން މަޝްރޫއުގެ ސަބަބުން އިންގްލަންޑްއިން އެކަނިވެސް މިހާތަނަށް 84600 މީހެއްގެ ފުރާނަ ސަލާމަތް ކުރެވި، 23 މިލިއަން މީހަކު އިންފެކްޝަނުން ސަލާމަތް ކުރެވިފައި ވެއެވެ.

ރައީސް މައުމޫން ވެކްސިން ޖައްސަވަނީ

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޒޯއީ ކޮވިޑް ސްޓަޑީ އެޕްގެ ޕްރެފެސާ ޓިމް ސްޕެކްޓާ ވިދާޅުވީ، ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންވެސް ބައްޔަށް އިންފެކްޓްވަމުން ދާ ދިއުމުގެ ސަބަބު، މި ދިރާސާގެ އަލީގައި ކޮންމެވެސް ވަރަކަށް ދެނެގަނެވިފައި ވާ ކަމަށެވެ.

ޕްރޮފެސާ ސްޕެކްޓާ ވިދާޅުވީ، ވެކްސިން ޖެހި ކަމުގައި ވިއަސް ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު ދަށް ވަމުން ދާނެ ކަން ލަފާކުރެވިފައި ވާ ކަމަށާ، ނަމަވެސް އެއީ ވެކްސިން ނުޖަހާންވީ ސަބަބެއް ނޫން ކަމަށެވެ.

ބްލޫމްބާގްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 183 ގައުމަކުން މިހާތަނަށް ޖަހާފައިވާ ކޮވިޑް ވެކްސިން ޑޯޒްތަކުގެ އަދަދު، 5.02 ބިލިއަނަށް ވުރެ މައްޗަށް އަރައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ، 36.4 މިލިއަން ޑޯޒްއެވެ. މިހާރު ވެކްސިން ޖަހަމުންދާ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ އާބާދީގެ 75 ޕަސެންޓު ކަވަރު ކުރަން އަދި 6 މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ކޮވިޑް ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވެކްސިން ކެމްޕޭންތަކަށް ބަލާއިރު، މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވެކްސިން ޑޯޒް ބޭނުން ކޮށްފައި ވަނީ ޗައިނާއިންނެވެ. ޗައިނާއިން އެކަނިވެސް 1.9 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ބޭނުން ކޮށްފައި ވާއިރު، ޗައިނާގެ ފަހަތުން، 5 މިލިއަނަށް ވުރެ ގިނަ ޑޯޒްއާއެކު 2 ވަނާގައި އޮތީ އިންޑިއާއެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ އަދަދެއްގެ ބަޔަކަށް 2 ޑޯޒްގެ ވެކްސިން ޖަހާ، ފުރިހަމަ ކޮށްފައި ވާ ގައުމުތަކުގެ ލިސްޓުގެ 3 ވަނާގައި ރާއްޖެ އޮތްކަން ފާހަގަ ކުރަން ޖެހެއެވެ.

2 ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންގެ ހަށިގަނޑުން، ރައްކާތެރިކަން ލިއްބައިދޭ މިންވަރު ކުޑަ ވަމުން އަންނަ ކަމަށް ހޯދުންތަކުން ދައްކާފައި ވާއިރު، މުއްސަނދި ބައެއް ގައުމުތަކުން މިހާރު ދަނީ 3 ވަނަ ޑޯޒްއެއް ދިނުމަށް ރާވަމުންނެވެ. އިޒްރޭލުން 3 ވަނަ ޑޯޒް ޖަހަން ފަށާފައި ވާއިރު، އަވަށްޓެރި ސްރީލަންކާއިންވެސް ދަނީ 3 ވަނަ ޑޯޒްއެއް ޖެހުމާ މެދު ވިސްނަމުންނެވެ.