އިއްޔެ ޖުމްލަ 151 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 42 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 98 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 4 މީހެއްގެ އިތުރުން ލައިވް އެބޯޑް އިން 7 މީހެކެވެ.

މި އަދަދަކީ ޓެސްޓު ކުރި 6،736 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވާ އަދަދު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިއްޔެ ޕޮސިޓިވްވި 151 މީހުންނާއެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 80،281 އަށް އަރާފައެވެ. އަދި އިއްޔެ 105 މީހުން ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1687 ގައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 225 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 15 މީހުންނަށެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 535 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 176 މީހަކު މަރުވެފައެވެ.