ގުޅިފައިވާ ޕާޓީތަކުން އެކުލަވާލައިފައިވާ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމް ގެންނަން ވައުދުވެފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މަބްރޫކް ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުން އުފެއްދި މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމް ގެންނަން ނެތްކަމަށާއި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން އުފެއްދި މެނިފެސްޓޯގައި ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމް ގެންނަން ރައްޔިތުންގެ ވޯޓެއް ނަގަން ޖެހޭނެ ކަމަށާ އެކަން ކުރެވޭނީ ހަމައެކަނި އެގޮތަށް ކަމަށް ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.
މަބްރޫކް މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބާރުއެޅުމަށް ރައިސަށް ފޮނުވުމަށްޓަކައި ޕެޓީޝަނެއް އެކުލަވާލައި އޭގައި ރައްޔިތުން ސޮއިކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ ނިޒާމް ބަދަލުކުރުމަށް ޓަކައި ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އަދި މިނޫން އެހެން ގޮތަކަށް ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ. އަދި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދައި ޕެޓިޝަނެއް އެކުލަވާލާ ސޮއިކުރުމުގެ ކަންތައްތަ ފެށުމަކީ ރައީސް އެކަމަށް މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވެރިކަން ކުރުމުގެ އެންމެ ރަނގަޅު ނިޒާމަކަށް ބަލާފައި ވަނީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާ ރިޔާސީ ނިޒާމަކީ މާ ފަހުން އައި ނިޒާމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމް ގެންނަން ރައީސަށް ގޮވާލާ އެކުލަވާލައި ޕެޓިޝަންގައި އިސްކޮށް ހަރަކާތްތެރިވަނީ މާފަންނު މެދުދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. ބޮންޑޭ ވިދާޅުވަނީ އެ ޕެޓިޝަނަކީ އެ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެއް ކަމަށެވެ. އަދި ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ހަވާލުކުރުމަކީ އަބަދުވެސް އެމްޑީޕީގެ ތެރޭގައި އޮންނަ ކަމެއް ކަމަށާއި މިހާރު ރާއްޖޭގެ ވެރިކަމުގެ އޮއިވަރު އޮތީ ރައްޔިތުންގެ ވެރިކަމާ ދުރައް ކަމަށާ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަޖިލީހުން ފާސްކުރާ ގާނޫނުތައް ތަންފީޒު ނުވެ 2 އަހަރު 3 އަހަރު ވެގެން ދިއުން ކަމަށް ބޮންޑޭ ވިދާޅުވެފައި ވެއެވެ.