ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް 112،000 ޑޯޒްގެ އެސްޓްރަޒެނެކާ ކޮވިޑް-19 ވެކްސިން ހަދިޔާކޮށްފިއެވެ.

މި ވެކްސިން ހަދިޔާކޮށްފައި ވަނީ ޖަޕާންގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވަނީ ޖަޕާން ސަރުކާރުންވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވެކްސިންގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓް އާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް ނަސީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާން ސަރުކާރުން 112،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކުރުމަށް ބޭއްވި ރައްމިއްޔާތުައި މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

އޭގެ އިތުރުން ޖަޕާނުން ފޯރުކޮށްދިން ވެކްސިންއާއެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަން ވެސް ނަސީމް ފާހަގަކުރެއްވިއެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ޖަޕާން ސަރުކާރުން 112،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކުރުމަށް ބޭއްވި ރައްމިއްޔާތުައި ސަފީރު ކެއިކޯ ޔަނާއީ ވާހަކަ ދައްކަވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ 4 ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި އޮގަސްޓް މަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.

ޖަޕާނުން ހަދިޔާކުރި ވެކްސިން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފޮރިން ސެކެޓަރީ އަބްދުލްޣަފޫރު މުހައްމަދު، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓާ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ފޮރިން މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސް ފަރާތްތަކުންނާ، ޑަބްލިޔުއެޗްއޯ، އެމްއެންޑީއެފް އަދި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވިއެވެ.