އައްޑޫގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތައް ނުފެންނަކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވުމުން އައްޑޫގައި ކުރިޔަށްގެންްދާ ޕްރޮޖެކްޓްތައް ބައްލަވާލެއްވުމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ސައީދަށް ދައުވަތު އަރުވައިފިއެވެ.

ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގައި ކުރިޔަށްދާ ކަމަށް ވިދާލުވި 60 ޕްރޮޖެކްޓް ހޯދަން ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ.

އަދި 40 ބިލިއަން ބަޖެޓުގައި އައްޑޫއަށް ވައުދުވި ކަންކަމާ އިންޑިއާ އިން ނެގި ލޯނު ތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާ ތަނެއް ނުފެންނަ ކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ އިތުބާރު މި ސަރުކާރަކަށް ނެތް
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

ސައީދު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން އައްޑޫ މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގައި ހިންގަމުންގެންދާ ޕްރޮޖެކްޓްތަކުގެ އަދަދު 60 ނޫން ކަމަށެވެ. އަދި އައްޑޫގައި 70 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާ ކަމަށާ އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގަތުމަށް މޭޔަރު ވަނީ ސައީދަށް ދައުވަތު ދެއްވާފައެވެ.

އައްޑޫ ސިޓީގެ މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ އައްޑޫގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގެ ތަފްސީލީ ލިސްޓެއް ހިއްސާކުރާނެ ކަމަށެވެ. އަދި އެކަމުގެ އިތުރު ތަފްސީލު ޕްރެސެންޓޭޝަން އިން އަރުއްވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވެފައި ވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ އައްޑޫގައި ކުރިޔަށްގެންދާ ގިނަ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ނުފެނުނުކަމުގައި ވިޔަސް އެ މަސައްކަތްތައް ވެސް ކުރިޔަށްދާކަމަށެވެ. އަދި އެކަމުގެ ތަފްސީލާއި ސްޓޭޓަސް ބަލަމުންދާނީ އަދި އެނގޭނީ ވެސް އައްޑޫ ކައުންސިލަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ރައީސް އައްޑޫ ކައުންސިލާ ބައްދަލުކުރެއްވި ބައްދަލުވުމުގައި އައްޑޫގައި 60 އަށް ވުރެ ގިނަ ޕްރޮޖެކްޓްތައް ކުރިޔަށްދާކަމަށް މޭޔަރު ވަނީ ވިދާލުވެފައެވެ. އަދި އައްޑޫގައި އެ ކައުންސިލުންނާއި އެކި އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތައް ވެސް ކައުންސިލުން ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނަށް ދެއްވާފައެވެ. އަދި އައްޑޫ ސިޓީއަކީ އާބާދީ ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މި މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.