ކޮވިޑާ ގުޅިގެން ރ. އަލިފުށި މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އަލިފުށި ހެލްތު ސެންޓަރުން ބުނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ރޯގާގެ އަލާމަތްތައް ހުރެގެން އޮގަސްޓު 16 ވަނަ ދުވަހު ނެގި 26 ސާންޕަލްގެ ތެރެއިން ސާންޕަލްއެއް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

އަލިފުށީގެ އިތުރުން މިއަދު ވަނީ ދެރަށެއް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެއީ މ. މަޑުއްވަރީ އާއި ގއ. ކަނޑުހުޅުދޫ އެވެ.

މިއަދު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ އިރު މި މަހުގެ 17 ވަނަ ދުވަހު 3 ރަށެއް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެއީ ގދ. ތިނަދޫއާއި، އދ ދަނގެތި އަދި ގއ. މާމެންދޫއެވެ. މި މަހުގެ 16 ވަނަ ދުވަހު ވަނީ 6 ރަށެއް މޮނިޓަރިން ހާލަތަށް ލާފައެވެ. އެއީ ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫއާއި އދ. ހަންޏާމީދޫއާއި ހދ. ނެއްލައިދޫގެ އިތުރުން ހއ. އިހަވަންދޫއެވެ. އަދި މި މަހުގެ 3 ވަނަ ދުވަހު އއ. ހިމާންދޫން ވެސް ވަނީ މޮނިތަރިންއަށް ލާފައެވެ.

މި ލިސްޓުގައި ދެން އޮތީ 5 ރަށެކެވެ. އެ ރަށްރަށުގެ ތެރެއިން 4 ރަށެއް މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. އެއީ ކ. ކާސިދޫއާއި، ށ. ފީވަކާއި، ހއ. ތަކަންދޫއާއި، ދ. ކުޑަހުވަދޫއެވެ.

މި ވަގުތު މޮނިޓަރިންގައި އޮތް ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވާ ރަށަކީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރަށް ލާފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހެވެ.