އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ، ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުހުމުގައި ހެކިބަސް ނެގޭ ގޮތެއް ނުވިއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެ މީހެއްގެ މައްޗަށް އުފުލާފައެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ.

މިމައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވާއިރު، މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ސިއްރު ހެކިވެރިންގެ ހެކިބަސް ނަގަން ތާވަލު ކުރި އަޑުއެހުމެކެވެ. ނަމަވެސް، ކުރީގެ ދިފާއީ ވަކީލެއްގެ ބަދަލުގައި އެހެން ވަކީލަކު ހަމަޖައްސަން ދިން މުއްދަތުގައި ވަކީލަކު ހަމަޖައްސާފައި ވާކަން ދައުލަތަށް އަންގާފައި ނުވާތީ ދައުލަތުގެ ސިއްރު ހެކިވެރިން މިއަދު ހާޒިރު ވެފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ދިގުލައިގެން ދާތީ ވިޝާމްގެ ބަންދަށް ލުޔެއް ދޭން އޭނާގެ ވަކީލު ވަނީ އެދިފައެވެ. ވިޝާމްގެ ވަކީލު ވިދާޅުވީ، ވިޝާމްގެ ތިން ދަރިން ތިބޭ ކަމަށާއި، އާއިލާގެ އިސް ބެލެނެވެރިޔާ އަކީ އޭނާ ކަމަށެވެ. އަދި ވިޝާމަށް ދިން ފުރުސަތުގައި އޭނާ ވެސް ވަނީ ކިތަންމެ ބޮޑު ޝަރުތެއް ކޮށްފައި ނަމަވެސް ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ.

ނަމަވެސް، ގާޒީ އާދަމް ވިދާޅުވީ މައްސަލައިގެ ބާވަތައް ބަލައި ބަންދަށް ލުޔެއް ދޭން ޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ވިޝާމް ދޫށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށެވެ.

އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ.