ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓްގެ ޓަވަރުތަކަށް ހައި ސްޕީޑްގެ އިންޓަނެޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، މިހާރު ހިޔާ ފްލްޓެ ސަރަހައްދުގައި ފްލެޓްތަކަށް ފައިބާ އިންޓަނެޓް ހިދުމަތް ދޫކުރުމަށްޓަކައި ކޭބަލް ގުޅާ އޯއެންޓީ ޑިވައިސް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޑިވައިސް އަކީ ގޭގެއަށް އިންޓަނެޓް ހިދުމަތް ދިނުމަށް އަޅާ ފައިބާ ކޭބަލް ގުޅައިދޭ ޑިވައިސް އެއް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފްލެޓްތަކަށް މީހުން ބަދަލުވާން ވާއިރަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އޭރުން ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް އެއްވެސް ދަތިކަމަކާ ނުލައި އިންޓަނެޓް ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްގައި މިހާރު ހަރުކުރަމުން ދާ އޯއެންޓީ ޑިވައިސް ތަކުގެ ސަބަބުން އިންޓަނެޓް ކޭބަލް އެޅުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމަށާއި އެކަމުގެ ސަބަބުން ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށާއި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވެސް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަސައްކަތް ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ކޭބަލް ވަޅުލުމަށް މަގު ކޮންނަން ނުޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިހާރުވެސް ހިޔާ ފްލެތްތައް ލިބުނު މީހުން ދަނީ އެތަނުގެ އިންޓީރިއާ މަސައްކަތްތައް ކުރަމުންނެވެ. ދުވާލަކު ދެ ގަޑިއިރަށް ކޮންމެ ޓަވަރަކަށް ކަރަންޓުގެ ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަ އިރު، ފްލެޓް ލިބުނު މީހުން ބޭނުން ވަނީ އަވަހަށް އެތަނުގެ ފިނިޝިން މަސައްކަތް ނިންމާލުމަށް ފަހު ފްލެޓްތަކަށް ބަދަލު ވާށެވެ.