ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތ. އަތޮޅުގެ 7 ރަށަކަށް މިއަދު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުަޖމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތ އަތޮޅުގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ދަތުރުގައި އެ އަތޮޅުގެ 7 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރައީސް ސޯލިހްގެ މި ދަތުރު ފުޅަކީ 3 ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްރަށަކީ، ތ. ތިމަރަފުށި، ކިނބިދޫ، އިމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓެވެ.

މިއަދު ރައީސް ތ އަތޮޅަށް ދަތުރުފުޅު ކުރައްވާ އިރު މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެމަނިކުފާނު ވަނީ ތިލަދުންމަތީ ދެކުނުބުރިީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫ އަށް ވަނީ ވަޑައިގެންފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް ރައީސް ސޯލިހް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލު ކުރައްވާފައެވެ. މިގޮތުން މިހާތަނަށް ޖުމްލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ. ހަމައެއާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާ އެކު އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.