އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ މީހުންގެ އަދަދު 685 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އިތުރު 20 ކޭސް ފެނިފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން 8 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށްވާއިރު މަރަދޫފޭދޫން އިން ވެސް 8 ކޭސް ފެނިފައިވާ ކަމަށެވެ. އަދި ހިތަދޫ އިން ހަތަރު ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

މީގެތެރެއިން 13 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވާއިރު، ދެން ހިމެނެނީ ފްލޫ ސާމްޕަލް އާއި ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި މީހުންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 85 ކޭސް އުޅޭއިރު، ހިތަދޫގައި 9 ކޭސް، ފޭދޫގައި އެކްޓިވް ހަ ކޭސް، މަރަދޫފޭދޫގައި 19 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 119 އަށް އަރާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 564 މީހުން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.