އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ވެކްސިން ޖަހަން ފަށައިފިއެވެ.
ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަދު ފާށާފައިވާއިރު 19 ސްކޫލެއްގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ ދަރިވަރުންނަށް ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިންނެވެ.
ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް ބުނެފައެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ސްކޫލުތަކުގެ ކިޔާވާ ދަރިވަރުންނަށް މިއަދު ވެކްސިން ޖަހަން ފަށާފައިވާއިރު އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ އެ ދަރިވަރެއް ކިޔެވި ސްކޫލެއް މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ފައިޒާ ވެކްސިން ޖަހައިދޭ ސެންޓަރު ތަކަކީ އިސްލާމީ މަރުކަޒު، ހެނދުނު 9 އިން ހަވީރު 4 އަށް، ހުޅުމާލެ ހޮސްޕިޓަލް މެންދުރު ފަހު 1 އިން ހަވީރު 4 އަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ވިލިމާލޭގައި ފައިޒާ ވެކްސިން ޖަހައިދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުން މެންދުރު 1 އިން ހަވީރު 4 އަށް ކަމށް އެޗްޕީއޭއިން ބުނެއެވެ.