މީގެ އަހަރެއް ކުރިން ވަރުގަދަ ގޮވުމެއް ގޮވި ލުބްނާންގައި ތެޔޮ ޓޭންކަރެއް ގޮވާ، ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވެއްޖެއެވެ.

ލުބްނާގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ އައްކާރުގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި، މިހާތަނަށް 20 މީހެއްގެ ފުރާނަ ގެއްލި، 79 މީހަކު ޒަހަމް ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ލުބްނާންގެ ރެޑް ކްރޮސް ޖަމިއްޔާއިން ހަބަރު ދޭ ގޮތުގައި، އަނިޔާވީ މީހުންނަށް ފަރުވާ ދިނުމަށް، ސަރަހައްދީ ހޮސްޕިޓަލުތަކަށް ވަނީ ގެންގޮސްފައެވެ.

އައްކާރު ހޮސްޕިޓަލުން ވާހަކަ ދެއްކި މުވައްޒަފެއް ކަމަށް ވާ، ޔާސީން މިތުލީޖް ވިދާޅުވީ، 7 ގަބުރެއްގެ އިތުރުން، ފިހިގެން ގެނައި ގިނަ ބަޔަކު އެ ހޮސްޕިޓަލުގައި އެ ބަތިބި ކަމަށެވެ. ގަބުރުތައް ވަރަށް ބޮޑަށް އަނދާފައި ވާ ކަމަށާ، އެއީ ކޮން ބައެއް ކަންވެސް ވަކި ނުކުރެވޭ ކަމަށް އޭނާ ވަނީ އޭއެފްޕީއަށް ވިދާޅުވެފައެވެ.

ބައެއް މީހުންގެ މޫނު ނެތްއިރު، އަނެއް ބައި މީހުންގެ އަތްތައްވެސް ނެތް ކަމަށް މުވައްޒަފު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ. އަދި އިންތިހާއަށް ފިހިފައި ވާ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމެއް ނެތިގެން، ގިނަ އަދަދެއްގެ މީހުންނަށް ފަރުވާ ނުދީ ފޮނުވާލާފައި ވާ ކަމަށްވެސް މުވައްޒަފު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ލުބްނާންގެ އަސްކަރިއްޔާއާއި ސަލާމަތީ މަސްދަރަކުން ބުނީ، ގޮވުން ގޮވާފައި ވަނީ، ސަލާމާތީ ބާރުތަކުން އަތުލައިގެންފައިވާ ސްޓޯރޭޖު ޓޭންކަކުން ސިއްރިއްޔާތުގައި އަސްކަރިއްޔާއިން ގެސޮލީން ބަހަމުން ދަނިކޮށް ކަމަށެވެ.

ލުބްނާންގެ ނޭޝަނަލް ނިއުސް އޭޖެންސީއިން ބުނީ ގޮވުން ގޮވާފައި ވަނީ، ގެސޮލީން އަޅަން ޖަމާވެ ތިބި އާންމު ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް ހިނގި ވަގުތެއްގައި ކަމަށެވެ. އަދި ތަޅާފޮޅުމަށް ފެށި، ގޮވުން ގޮވުމުގެ ކުރިން، އަސްކަރިއްޔާއިން އެ ސަރަހައްދު ދޫކޮށް ގޮސްފައި ވާ ކަމަށެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ގޮވުން ގޮވިއިރު، އެ ސަރަހައްދުގައި 200 އެއްހާ މީހުން ތިއްބެވެ.

މި ދަނޑިވަޅަކީ ލުބްނާނަށް ތެލުގެ ދަތިކަން ކުރިމަތި ވެފައި ވާ ދަނޑިވަޅެކެވެ. އަދި ހަކަތައިގެ އުފެއްދުންތަކަށް ސަބްސިޑީޒް ދޫކުރުން ހުއްޓާލުމަށް މަރުކަޒީ ބޭންކުން ދާދި ފަހުން ނިންމުމާއެކު، މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.