ލުބުނާނުގެ ހިޒްބުއްލޯގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ އަވަހާރަ ކޮށްލުމާ ގުޅިގެން ބަދަލު ހިފަން އިޒްރޭލަށް ހަމަލާދޭނެ ކަމަށް ހިޒްބުއްލޯއިން ބުނެފިއެވެ.
ހިޒްބުއްލޯގެ ވެރިޔާ ނަސްރުﷲ އަވަހާރަ ކޮށްލެވިއްޖެ ކަމަށް އިޒްރޭލުން މިއަދު ވަނީ ބުނެފައެވެ. ހިޒްބުއްލޯ އިން ވެސް ވަނީ އެކަން ޔަގީންކޮށްދީ ބަޔާނެއް ނެރެފައެވެ.
ހިޒްބުއްލޯ އިން އިޒްރޭލަށް ދޭ ހަމަލާތައް ރާވާ ހިންގާ މައި މަރުކަޒުތައް ކަމަށް ބުނެ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދާހިޔާއަށް ވަރުގަދަ ހަމަލާތަކެއް އިޒްރޭލުން ވަނީ ދީފައެވެ. ފުލުފުލުގައި ވަރުގަދަ 10 ބޮމެއް ވައްޓާލައި 4 އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި 6 މީހަކު މަރުވެފައި ވާކަމަށާއި، 91 މީހަކު ޒަހަމްވެފައި ވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ލުބުނާނުގައި ތިބޭ ބައެއް ނޫސްވެރިންނާއި އާންމުން ބުނެފައި ވަނީ، ދާހިޔާއަށް ވައްޓާލި 10 ބޮމަކީ 2006 ގެ ފަހުން ލުބުނާނު ގުޑުވާލި އެންމެ ވަރުގަދަ ހަމަލާ ކަމަށެވެ. މި ހަމަލާގެ ފަހުންވެސް ބެއިރޫތުގެ ރަށް ބޭރުގެ އެކި ހިސާބުތަކަށް އިޒްރޭލުން ވަނީ ހަމަލާދީފައެވެ.
ހިޒްބުއްލާގެ އަލް މަނާރު ޓީވީން ބުނީ، އިޒްރޭލުން ލުބުނާނު ގުޑުވާލި ހަމަލާގެ ލޮޅުން 30 ކިލޯމީޓަރު ދުރަށް ހުރި ކަމަށާއި ހަމަލާ އަމާޒު ވި 4 އިމާރާތުގެ ކުނޑިކޮޅެއްވެސް ފެންނަން ނެތް ކަމަށެވެ. ނުވަތަ 4 އިމާރާތް ހުރި ތަނުގައި މިހާރު އޮތީ ހުސް ވަޅުގަނޑުތައް ހެދިފައި ކަމަށެވެ.
ލުބުނާނަށް އިޒްރޭލުން ހަމަލާ ދޭން ފެށި މައިގަނޑު އަމާޒެއް ނުބުނެ ނަތަންޔާހޫ ބުނެފައި ވަނީ، އިޒްރޭލުގެ ބޭނުން ހާސިލް ވަންދެން ހަމަލާ ދޭނެ ކަމަށެވެ. މުރާސިލުން ބުނާގޮތުގައި އިޒްރޭލުގެ އެ އަމާޒަކީ ހިޒްބުއްލާގެ ލީޑަރު ނަސްރުﷲ އަވަހާރަކޮށްލުމެވެ.