ވަރުގަދަ ސިލްސިލާ މުޒާހަރާތަކެއްގެ ފިއްތުންތަކާއެކު ބޮޑު ވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވި ކަމުގައި ވީ ނަމަވެސް އެއީ ނަސްރު ހޯދުމަށް ކުރަމުންދާ ވަރުގަދަ "ޖިހާދަށް" ލިބުނު ކުޑަ ކުރިއެރުމެއް ކަމަށާއި، ރައްޔިތުންގެ ޑިމާންޑްތަކާއެކު އަދިވެސް އެއްވުންތައް އޮތީ ކުރިއަށް ކަމަށް ލުބްނާނުގެ މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ އެމީހުން މަގުތަކުގައި އަދިވެސް ތިބޭނެ ކަމަށާއި، ހަގީގީ މައްސަލައަކީ ހަރީރީ ނޫން ކަމަށެވެ. އެގޮތުން ހަރީރީއަކީ، ރައްޔިތުންނަށް ކުރިމަތިލާން ޖެހުނު މައްސަލަތަކުގެ ކުޑަ މިންވަރެއް ކަމަށާއި، ބޮޑެތި މައްސަލަތަކަށް އަދިވެސް އޮތީ ހައްލު ނުލިބި ކަމަށް ލުބްނާނުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

އިސްލާހީ ބަދަލަށް ގޮވާލަމުންދާ ލުބްނާނުގެ ރައްޔިތުން ދެކޭ ގޮތުގައި ހަރީރީގެ އިސްތިއުފާއަކީ އެމީހުން ކުރަމުންދާ މަސައްކަތައް ލިބުނު އެދެވޭ ކުރިއެރުމެކެވެ. ނަމަވެސް އެއީ ފުރަތަމަ ފިޔަވަޅު ކަމުގައި އެމީހުން ދަނީ ސިފަކުރަމުންނެވެ.

ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ސާދު ހަރީރީ ވަޑައިގަންނަވަނީ/ފޮޓޯ: އަލްޖަޒީރާ

މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ ގެއްލުންދިނުމަށް ގުރޫޕުތައް ފޮނުވާ ފަރާތަކީ ހަމައެކަނި ހަރީރީ ނޫން ކަމަށާއި، މަގާމުން އިސްތިއުފާ ދޭންޖެހޭ ގިނަ އަދަދެއްގެ ބަޔަކު، ގާނޫނު ހަދާ މަޖިލިސް ތެރޭގައިވެސް އެބަތިބި ކަމަށް ލުބްނާނުގެ މަގުތަކުގައި އަޑުއުފުލަމުންދާ މީހުން ދަނީ ބުނަމުންނެވެ.

ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ހުއްޓުމެއް ނެތި ކުރިއަށް ގެންދާތާ 13 ވަނަ އަށް ވީ ދުވަހު ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް މުޒާހަރާތަކުގެ ރޫހަށް ކުޑަ ނަމަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ، ދެން އެކުލަވާލާ ސަރުކާރެއްގައި، މިސަރުކާރުގެ އެއްވެސް އޮފިޝަލަކު ހިމެނެން ބޭނުން ނުވާ ކަމަށެވެ. އަދި ދެން ސަރުކާރެއް އެކުލަވާލަން ވާނީ ލުބްނާނުގައި މިހާރު އޮތް އިންތިހާބީ ގާނޫނު އުވާލާ، އާ ގާނޫނެއް ގެނައުމަށް ފަހުގައި ކަމަށްވެސް ލުބްނާނުގެ ރައްޔިތުން ދަނީ ޑިމާންޑް ކުރަމުންނެވެ.