ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އަޅާފައިވާ 25 ބުރީގެ ހައުސިން ޔުނިޓްތަކުގެ ކުލި ބޮޑުވެގެން ފްލެޓް ލިބުނު ފަރާތްތަކުގެ ޝަކުވާތައް ބޮޑުވެފައިވާ އިރު ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެވޭނެ ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ހުޅުމާލޭ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ ހިޔާ ފްލެޓް ތަކާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އިއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ މެނޭގިން ޑިރެކްޓަރު އަހުމަދު ސުހެއިލް ވިދާޅުވެފައިވަނީ ކުލި ކުޑަކުރެވެން ނެތް ކަމަށް ވިދާޅުވެފައިވަނިިކޮށެވެ. .

މިކަމަށް ރައްދު ދެއްވާ ޝުޖާއު ރޭ ކުރެއްވި ޓުވީޓުގައި ވަނީ ހިޔާ ފްލެޓްތަކަށް މިހާރު ކަނޑައަޅާފައިވާ ކުއްޔަށްވުރެ ކުލި ކުޑަކުރެވޭނެ ކަމަށެވެ. އަދި ކުލި ކުޑަކުރަން ނޭނގެނީ ކަމަށާ ކުލި ކުޑަކުރެވޭނެ ގޮތް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ޝުޖާއު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވި ގޮތަށް ހަމަ އެ ކުލީގައި އެ ފްލެޓްތައް ހައްގުވެރިންނަށް ދިނުމަށް ވެސް ގޮވާލައްވާފައެވެ. މީގެ އިތުރުން ޝުޖާއު ވަނީ ކުލި ކުޑަ ކުރެވޭކަށް ނެތޭ ކިޔާ ޒިންމާއިން ރެކެން ނޫޅުމަށް ވެސް ގޮވާލައްވާފައެވެ.

ކުލި ކުޑަކުރެވޭނެ.ތިއުޅެނީ ކުރަން ނޭގިގެން.ސަރުކާރަށް އޮންނާނެ ކުޑަކުރެވޭނެ ގޮތް ހުށައަޅާފަ.ރައީސް ޔާމީން ނިންމެވި ގޮތައް،އެކުލީގައި އެފުލެޓްތައް ދެއްވާ!ޒިންމާ އިން ރެކެން ނޫޅުއްވާ!ޕްލީޒް ⁦ ⁦ @hdcmaldives
އިބްރާހިމް ޝުޖާއު

އެޗްޑީސީން އިއްޔެ ބޭއްވި ޕްރެސް ގައި އެޗްޑީސީގެ އެމްޑީ ސުހައިލް ވަނީ ކުލި ކުޑަކުރެވޭކަށް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައިވާ 8،500 ރުފިޔާ ނަގައިގެން ނޫނީ ފްލެޓް އެޅުމަށް ނަގައިފައިވާ ލޯނު އަދާ ނުކުރެވޭނެ ކަމަށް ސުހެއިލް ވިދާލުވެފައިވެއެވެ.

ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،500 ރުފިޔާއެވެ. އަދި ސާވިސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ޖުމުލަ 8،500 ރުފިޔާ ފްލެޓް ލިބުނު ފަރާތްތަކުން ކޮންމެ މަހަކު ދައްކަން ޖެހެއެވެ.

ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ދަނީ ފްލެޓް ގެ ކުލި ކުޑަކުރުމަށް ގޮވާލާ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން 2000 މީހުންގެ ސޮޔާއެކު ރައީސް އޮފީހަށް އެމީހުން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި ސޯޝަލް މީޑިއާގައި އަދި މަގުމަތީގައި ހިމޭން އިހުތަޖާޖުތައް ކުރަމުން ދާއިރު ބުރާސްފަތި ދުވަހު "ހިޔާ ޔޫނިއަން" އިން އިންތިޒާމް ކޮށްގެން ވަނީ މާލޭ މަގުމަތީގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ.

ފްލެޓް ލިބުނު ފަރާތްތަކުން ޑިމާންޑް ކުރަމުން ދަނީ މިހާރު ކުލީގެ ގޮތުގައި ދައްކަން ޖެހޭ 7،500 ރުފިޔާ 5،000 އަށް ކުޑަކުރުމަށެވެ. އަދި ސާވިސް ފީގެ ގޮތުގައި ނަގަމުންދާ 1،000 ރުފިޔާ 600 ރުފިޔާއަށް ކުޑަކުރުމަށެވެ.

ފްލެޓް ލިބުނު ފަރާތްތަކުގެ އަތުން ކޮންމެ މަހަކު 8،500 ރުފިޔާ ނެގުމަކީ ފްލެޓް ލިބުނު އާއިލާތަކަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ ވަރަށް ވުރެ ބޮޑު އަދަދެއްކަމަށް އެމީހުން ބުނެއެވެ.