ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 294،364 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 342،793 މީހުންނެވެ. އޭގެތެރެއިން 294،364 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ހަމައެކަނި ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރެއިން ފުރަތަމަ ޑޯޒް ޖެހީ 282 މީހުންނެވެ. އަދި ޑޯޒް ފުރިހަމަ ކުރި 255 މީހެކެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި 12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެސް ކޮވިޑްއިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު މި ހަފާތްގައި ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އިއުލާނުކުރައްވާފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭވަރަށް މިހާރު ވެކްސިން ގެނެސްފައިވާކަމަށާ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މި ހަފްތާގައި ފައިޒާ ވެކްސިން ޖަހަން ފެށޭނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.