ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ޝަރީއަތް ނިމެންދެން ބަންދު ކުރަން މީގެ ކުރިން ނިންމާފައިވާ ނިންމުން ކްރިމިނަލް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލައިފައެވެ.

އެ މައްސަލައިގައި އަންމަޓީ ބަންދުކޮށްފައި ހުއްޓާ ޖޫން 17 ގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލިއެވެ. ނަމަވެސް، ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.

އަންމަޓީގެ މައްސަލައިގައި އިއްޔެ އޮތް އަޑުއެހުމުގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޮށްފައިވާ އަމުރު މުރާޖައާ ކުރުމުގެ ބައި ކުރިއަށް ގެންދިޔައެވެ. އެ އަޑުއެހުމުގައި ޝަރުތުތަކާއެކު ވިޔަސް ދޫކޮށްލަން އަންމަޓީ އެދުނަސް އެކަމާ ދައުލަތުން ދެކޮޅު ހެދިއެވެ.

އަންމަޓީގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ކުރު އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ޝަރީއަތަށް ފިލައިގެން ހިނގައިދާނެ ކަމަށް ބުރަވެވޭތީ އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުރަވެވޭތީ އޭނާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށެވެ.

ޝަރުތުތަކަކާ އެކު ދޫކޮށްލަން އަންމަޓީ އެދުނަސް އެގޮތަށް ދޫކޮށްނުލެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. މީގެ ކުރިން އަންމަޓީ އަމަލުކޮށްފައިވާ ގޮތުން އޭނާ އަށް ޝަރުތެއް ކުރިޔަސް ވެސް އެ ޝަރުތަކާ އޭނާ ހިލާފުވުމުގެ އިހްތިމާލު އޮތް ކަމަށް ގާޒީ ވިދާޅުވިއެވެ.

އަންމަޓީގެ ފަރާތުން އިއްޔެ އެދުނީ ކަފާލާތުގެ އުސޫލުތަކުގެ ތެރެއިން މީހަކު ޖާމިނުކޮށްފައި ބަންދުން ދޫކޮށްލާ އުސޫލުން އަދި ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ނުވަތަ ކޮންމެ ދުވަހަކު ވެސް ފުލުސް އޮފީހަށް ނުވަތަ ކްރިމިނަލް ކޯޓަށް ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ދޫކޮށްލުމަށެވެ.

އެކަމާ ދެކޮޅު ހަދަމުން ދައުލަތުގެ ވަކީލުން ބުނެފައި ވަނީ އަންމަޓީ އަކީ ޝަރުތުކޮށްފައި ދޫކޮށްލިޔަސް، އަދި ނުފުރޭނެ ފަދަ ފިޔަވަޅުތައް އަޅާފައި ދޫކޮށްލިޔަސް "ވަލު ދޮރާށިން" ފިލާފާނެ މީހެއް ކަމަށެވެ.

އަންމަޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގީ އިދާރާތަަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން އޭނާ މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އަންމަޓީ ރާއްޖެ ގެނެސްފައެވެ.

އެހެންނަމަވެސް އަންމަޓީ ކޯޓުގައި ބުނީ އޭނާ އުޅުނީ ފިލައިގެން ނޫން ކަމަށެވެ. ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން އުޅޭތީ ކަމަށް ބުންޏެވެ.

ސީ ލައިފުން ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް ބަދަލުދޭން ވަނީ ނިންމައިފައެވެ. އެގޮތުން، ފައިސާގެ ބަދަލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ ވަނީ ނިންމައިފައެވެ.

ހިޔާނާތުގެ މައްސަލައިގައި ޖާމިނު އުސޫލުން އައްމަޓީ ދޫ ނުކުރި އިރު، ޖިންސީ ގޯނާގެ ތުހުަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ޖާމިނު އުސޫލުގެ ދަށުން ދޫކޮށްލާފައެވެ.