ހދ. ހިރިމިރަދޫ ސުކޫލަށް ދަރިވަރުން ކިޔަވަން ނުފޮނުވަނީ އަސާސީ ހިދުމަތް ފޯރުކޮށް ނުދެވޭތީއާއި އެއްވެސް ނަތީޖާއެއް ނުނެރެވޭތީ ކަމަށް ހިރިމަރަދޫ ކައުންސިލުން ބުނެފިއެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ސުކޫލުގެ ވަރަށް ގިނަ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ޓީޗަރުންގެ ސަބަބުން ދަރިވަރުންނަށް އެއްވެސް ރަނގަޅު ނަތީޖާއެއް ނުނެރެވޭ ކަމަށާ މި ސަބަބަށްޓަކައި ބެލެނިވެރިން ދަރިވަރުން ސުކޫލަށް ފޮނުވަން ބޭނުންނުވާ ކަމަށެވެ.
ވަހީދު ވިދާޅުވީ އިއްޔެ އެރަށަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބޭފުޅެއް ވަޑައިގެން ބެލެނިވެރިންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ބެލެނިވެރިން އެމީީހުންގެ ކަންބޮޑުވުން ހިއްސާ ކޮށްފައި ވާކަމަށާ ސުކޫލަށް ފޮނުވަން ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށް ވެސް ވަހީދު ފާހަގަ ކުރެއްވިއެވެ.
މިނިސްޓްޓްރީގެ ބެފުޅުންނާއެކު އިއްޔެ ހދ. ހަނިމާދޫ ސުކޫލުގެ ޕްރިންސިޕަލް ވެސް ހިރިމަރަދުއަށް ވަޑައިގަތެވެ. ހަނިމާދޫ ސުކޫލް ޕްރިންސިޕަލް ވެސް ވިދާޅުވީ ހިރިމަރަދޫ ބެލެނިވެރިން ގުޅާފައި ދަރިވަރުން ސުކޫލަށް ނުފޮނުވާނެ ކަމަށް ބުނެފައި ވާކަމަށެވެ.
ވަހީދު އިތުރަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އެރަށަށް ބޭފުޅަކު ފޮނުވައިގެން މި މައްސަލަތައް ހައްލުކޮށްދެއްވަން އުޅުއްވާކަމަށެވެ.
ހިރިމަރަދޫ ސުކޫލް ބެލެނިވެރިއެއް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ 8 އަހަރުވީއިރު ވެސް އެ ސުކޫލުން އޯލެވެލް އިން ނަތީޖާއެއް ނުނެރެވޭ ކަމަށެވެ. އަދި އޯލެވެލް އިން ފާސް ވަނީ ވެސް ވަރަށް މަދު ކުއްޖެއް ކަމަށާއި އެކަށީގެންވާ ވަރަށް ވުރެ ގިނައިން އެ ސުކޫލުގައި ޓީޗަރުން ތިބިކަން ވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.
އެ ސުކޫލުގައި ތައުލީމު ހާސިލުކުރަމުން ދަނީ 64 ދަރިވަރުން ކަމަށާއި ކޮންމެ 3 ދަރިވަރަކަށް ޓީޗަރެއް ހުންނަ ކަމަށް އެރަށުން މައުލޫމާތުދިން ފަރާތުން ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން ދިރާސީ އަހަރެއް ފެށިގެން ދިޔައިރު ދަރިވަރުން ސުކޫލަށް ފޮނުވަން ވީ ގަޑިއެއްވެސް ބެލެނިވެރިންނަށް އަންގާފައި ނުވާކަމަށާއި ޓައިމްޓޭބަލްގެ ހިސާބުވެސް ތައްޔާރު ކޮށްފައި ނުވާކަމަށް ފާހަގަ ކޮށްފައި ވެއެވެ.
އަދި ދިރާސީ އަހަރެއް ފެށިގެން ދިޔައިރު ސުކޫލުގެ އާބާތުރަ ފިލުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ވެސް އޭނާ ބުނެއެވެ.
މީގެއިތުރުން ބިދޭސީ ޓީޗަރުންތައް ރަށަށް އައީވެސް އެޑިއުކޭޝަނުން ޓީޗަރުން ރިޕޯޓް ކުރުމަށް ކަނޑައަޅާފައިވާ ދުވަސް ކަމުގައިވާ އޯގަސްޓް 3 ވަނަ ދުވަހު ކަމަށާއި ބައެއް ޓީޗަރުން 5 ދުވަހު އަދި އަނެއްބައި ޓީޗަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭ އިރު ސްކޫލު ހުޅުވުނު އިރު ބައެއް ޓީޗަރުން ތިބީ ކަރަންޓީނުގައެވެ. އަދި ސުކޫލުގެ ކިޔެވުން ފެށެންވީއިރުވެސް ޓީޗަރުންނަށް ސުކޫލަށް ނިކުމެވިފައި ނުވާކަން އެރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ލިބިފައެއް ނުވެއެވެ.