ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 287,599 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަޑޯޒް ފުރިހަމަ ކޮށްފައި ވަނީ 332،816 މީހުންނެވެ. އޭގެތެރެއިން 287,599 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 9 ވަނަ ދުވަހު އަތޮޅުތެރެއިން 1407 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 526 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 881 މީހެކެވެ. ހަމައެއާއެކު މާލެއިން 1423 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 636 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 787 މީހެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެކްސިން ހުރި ވަގުތު އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.