ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ހެލްތް އަހުމަދު ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވަނީ މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވައި އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑްގެ ޕެންޑެމިކް ފެށުނީއްސުރެ އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދާ ދީލަތި އެހީ ނަސީމް ފާހަގަ ކުރެއްވިއެވެ. އަދި އެކަށީގެންވާ ގޮތެއްގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް މި އެހީ ދިވެހި ސަރުކާރަށް މުހިއްމުވި ކަން ވެސް ފާހަގަ ކުރެއްވިއެވެ. އަދި ފައިޒާ ވެކްސިން ލިބުމުން އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަމަށް ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ވަނީ ދީފައެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ޕީސީއާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައި ވެއެވެ. އަދި އައިއޭއީއޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައި ވެއެވެ.

އެމެރިކާއިން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓާ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީ، ޑަބްލިޔުއެޗްއޯ ރެޕްރެޒެންޓޭޓިވް ޑރ ނަޒްނީން އަންވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންނާއި، ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.