އައްޑޫ ސިޓީގައި ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށައަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު އެހެން ވިދާޅުވެފައި ވަނީ ކްލަބު ހައުސްގައި "އައްޑޫ ވޮއިސް" ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނުގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ، އައްޑޫގެ އެހެން ރަށްތަކާ ގުޅާލަދޭނެ ބުރިޖާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ކައުންސިލުން އަދި ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.

ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ސީދާ ރައީސް އާ ބައްދަލުވުމުން އެކަން ހުށައަޅުއްވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ބުރިޖުގެ ޑިޒައިން ކޮންސެޕްޓް ތައްޔާރު ކުރުމުގެ ހޭދަތައް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ސިޓީ ކައުންސިލުން ހުށަހަޅުއްވާނެ ކަމަށް ވެސް ނިޔާރު ވިދާޅުވިއެވެ.

އައްޑޫގެ ކޮންމެ ރައްޔިތަކު ވެސް މި ކަމަށް އަޑުއުފުލަން، މި ކަމަށް ޑިމާންޑް ކުރަން، އެއީ އަހަރެންގެ ވަރަށް ބޮޑު އިލްތިމާސްއެއް
އައްޑޫގެ މޭޔަރު އަލީ ނިޒާރު

ބުރިޖުގެ މުޅި މަޝްރޫއު 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނުވާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ބުރިޖްގެ ކޮންސްޓްރަކްޝަނުގެ މަސައްކަތާ ހަމައަށް ގެނެވޭނެ ޔޯ 15 މިލިއަން ޑޮލަރަށް. ދެން ބަލަން ޖެހޭނީ ބުރިޖުގެ ކޯސްޓަށް. މި ބުރިޖްގެ ދިގުމިނަކީ 8.5 މޭލު ނޫން ނަމަ އެންމެ ދިގުވެގެން 9 މޭލު. ބުރިޖުގެ އެންމެ ދިގުމިނަކީ 14.5 ނޫނީ 14 ކިލޯ މީޓަރު. އެންމެ ދިގު ވިއަސް ވާނީ އެވަރު. އެއަށްވުރެ ދިގުނުވާނެ. ފުންމިނަށް ބަލާއިރު 30، 40 މީޓަރުގެ ފުންމިން މި ހުންނަނީ. އެންމެ އަގުބޮޑު ވިޔަސް ވާނީ 400 މިލިއަން ޑޮލަރު އެއަށްވުރެ ބޮޑު ނުވާނެ
އައްޑޫގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގައި ބްރިޖެއް އެޅުމަކީ ނިޒާރުގެ އިންތިހާބީ ވައުދެކެވެ.