ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 284،329 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަޑޯޒް ފުރިހަމަ ކޮށްފައި ވަނީ 330،504 މީހުންނެވެ. އޭގެތެރެއިން 284،329 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 7 ވަނަ ދުވަހު އަތޮޅުތެރެއިން 1425 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 588 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 837 މީހެކެވެ. ހަމައެއާއެކު މާލެއިން 1352 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 513 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 839 މީހެކެވެ.

މިއަދުން ފެށިގެން އެސްޓްރާޒެނެކާ ވެކްސިން އެޕޮއިންޓްމަންޓް ނުހައްދާ ޖަހައިދޭން ވަނީ ނިންމާފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެކްސިން ހުރި ވަގުތު އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސް ކުރައްވާފައެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ 6 ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްިސންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.