ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި މަހުގެ 4 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކުރި މީހުން އެއްބަސްވުމުގައި ސޮއިކުރުން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ސޮއިކުރަން ދާ މީހުން ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.
އެޗްޑީސީން ބުނީ، މި މަހުގެ 4 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް އެކަން މެދުކަނޑާލީ އެ މަސައްކަތުގައި ބައިވެރިވާ އެ ކޯޕަރޭޝަންގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުންގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން އެއްބަސް ވުމުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެއްބަސްވުމުގައި އަލުން ސޮއިކުރުން ފަށަނީ، މިކަމުގައި އިތުރައް އަޅަންޖެހޭ ރައްކާތެރިކަމުގައި ފިޔަވަޅުތަކާ އެކު ގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެހެންކަމުން އެއްބަސްވުމުގައި ސޮއިކުރަން ހާޒިރުވާ ހުރިހާ ފަރާތްތަކުން ވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" ގެނައުމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހަމައެއާއެކު ފުލެޓުގެ އެއްބަސުވުމުގައި ސޮއިކުރުމަށް ގިނަ ފަރާތްތަކަކަށް ތާވަލު ކުރެވިފައި ވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތަށް އެކަނި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެ އިރުތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، އެއްބަސްވުމުގައި ސޮއިކުރަން ހާޒިރުވާ ހުރިހާ ފަރާތްތަކުން ތިމާ އާއި އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޮވިޑް-19 ގެ ވެކްސިންގެ 2 ޑޯސް ފުރިހަމަ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި އެޗްޑީސީން ބުނެއެވެ.
އެއް ބަސްވުމުގައި ސޮއިކުރުން ކުރިއަށް ދާނީ ހުރަވީ ސްކޫލްގެ ހޯލްގައި ކަމަށް އެޗްޑީސިން ބުނެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުން މެދުކެނޑެން މެދުވެރިވެ ތާވަލަށް ގެންނަން ޖެހުނު ބަދަލާ ގުޅިގެން ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.