އިންސާނުންނަކީ އެކި، ވަކި ފަރުދުންގެ ގޮތުގައި ވަކިވަކީން އެހައި ފަސޭހައިން އުޅެވޭ ބައެއް ނޫނެވެ. އިންސާނުން އުޅޭނީ ބައިބައިގަނޑަށް، ގަބީލާ ގަބީލާއަށެވެ. ގައުމު ގައުމަށް، ކޮމިޔުނިޓީ ތަކުގައެވެ. ކަން މިހެން އޮތްއިރު، އެތައް ބަޔަކަށް އެކުގައި އަމަންއަމާން ކަމާއި ސުލްހަވެރިކަމާއެކު އުޅެވޭނީ އެންމެން އެއް ހަމަތަކެއްގެ މައްޗަށް އެއްބަސްވަންޏާއެވެ. އެންމެން އެ ހަމަތަކެއް ގަބޫލުކުރަންޏާއެވެ. މިގޮތަށް ހަމަޖެހޭ ހަމަތަކަށް ގާނޫނީ މާހިރުން ގާނޫނޭ ކިޔައި އުޅެއެވެ.

ގާނޫނު ހެދޭ ތަފާތު އެކި ގޮތްގޮތް ހުރެއެވެ. މި ގޮތްގޮތުގެ ތެރެއިން، މިހާރަކަށް އައިސް ދުނިޔޭގައި އެންމެ މަގުބޫލު އެއްގޮތެއް ކަމަށް ވެފައި މިއޮތީ އެންމެންގެ ހައްގުތަކާއި މަސްލަހަތުތައް އެއްވަރަކަށް، ހަމަހަމަ ކަމާއެކު ރައްކާތެރި ކުރުމުގެ މައްޗަށް ގާނޫނު ހެދުމެވެ. އެންމެންގެ ހިޔާލާއި މަޝްވަރާ ވީހާވެސް ސީދާކޮށް، ނުވަތަ ނުސީދާކޮށް ނަމަވެސް ހިމަނައިގެނެވެ. ޑިމޯކްރަސީ އޭ މިކިޔާ ނިޒާމުގެ ހަމަޔަކީ އެއީއެވެ.

މިރާއްޖޭގައި ވެސް ގާނޫނު ހަދަނީ ޑިމޯކްރަސީގެ ހަމަތަކުގެ މަތީންނެވެ. ރައްޔިތުން ތަމްސީލުކުރަން އެމީހުން ރުހިގެން ވޯޓުލައިގެން ހޮވާ ބަޔަކު އެއްތާކަށް އެއްވެތިބެ، މަޝްވަރާ ކޮށްގެން ބިލު ފާސްކޮށްގެނެވެ. ދެން އެ ގޮތަށް ފާސްވާ ބިލު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރުމުން އެ ބިލު އެވީ ގާނޫނަކަށެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ: މަޖިލިސް

މިހިސާބުން ދެން އަންނަނީ ގާނޫނު މާނަކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމެވެ. މިއީ ޖުޑީޝަރީ އިން، ރާއްޖޭގައި ނަމަ ސުޕްރީމް ކޯޓުން، ކުރާ ކަމެކެވެ. ގާނޫނުގެ ބޭނުން ކޮށްގެން އެކި ފަރާތްތަކުގެ މެދުގައި ޖެހޭ މައްސަލަތައް އަދުލުވެރިކަމާ އެކު ނިންމައިދީ ހަދަނީ ވެސް ޖުޑިޝަރީ އިންނެވެ.

ދެން އޮންނަނީ ހަދައިފައި ހުުންނަ ގާނޫނުތައް އޭގެ ޒާތުގައި ތަންފީޒު ކުރުމެވެ. ގާނޫނާ ހިލާފުވާ ފަރާތްތައް ހުއްޓުވައި، ގާނޫނުގައި އެ ފަރާތްތަކާ މެދު އަޅަން ކަނޑައެޅިގައި އޮންނަ ގޮތަށް ރަނުން ރަނަށް އަމަލު ކުރުމެވެ. ގާނޫނާ އެއްގޮތަށް ކޯޓުތަކުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމެވެ. މިއީ، ފުލުހުންނާއި، ދެންވެސް ތަންފީޒީ އިދާރާ ތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި މުއައްސަސާތަކާއި ފަރާތްތަކުން ކުރަން ޖެހޭނޭ ކަމެކެވެ.

ގާނޫނު ހެދުމާއި، މާނަކުރުމާއި، ތަންފީޒުކުރުމާއި، މިކަންކަން ކުރަން ޖެހޭ ފަރާތްތަކާއި ގޮތްތައް ގާނޫނުގައި ސާފުކޮށް ލިޔެވިފައި އޮންނައިރު، ގިނަފަހަރަށް މައްސަލަ ނިކުންނަނީ ގާނޫނާއި ގާނޫނުގެ ތަރަހައިގެ ތެރެއިން ނިންމަން ޖެހޭ ކަންކަން ތަންފީޒު ނުވީމައެވެ. އަދި ގާނޫނުގެ ބައެއްގެ ގޮތުގައި ހިމަނައިގެން ހެދޭ ގަވައިދުތައް ތަންފީޒު ނުވީމައެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ / ފޮޓޯ: ފުލުހުން

އެއްބަޔަކު ބުނާ ގޮތުގައި ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން ގާނޫނީ ކުށް ދެކެނީ އެކި ސައިޒުގައެވެ. ކުށެއް ކުރީމާ އަދަބެއް ދޭން ގާނޫނުގައި ކަނޑައެޅިފައި ހުންނަ ބައެއް ކަންކަން ’ކުދި‘ ކަންކަމަށް ހަދައިފައި ބައެއް ފަހަރަށް ދޫކޮށްލެވެނީއެވެ. ނުވަތަ ’އެއްފަހަރެއް ކަމަށް‘ ދޫކޮށްލެވެނީއެވެ. ބައެއް މީހުންނަށް މިހެން ހަދައިލެވޭ ކަމަށް ވަނީ ހިތްހެޔޮކަމުން ކަމަށް ވެދާނެއެވެ. ނޫނީ ކުށް ކުރަނީ ދަންނަ، ނުވަތަ ގާތް ފަރާތަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ މައްސަލަ ދާން އޮންނަ މަގުން ގެންދިޔުމުގައި ފޯމުތައް ފުރުން ފަދަ އިދާރީ އިޖުރާއާތުތައް ގިނަކަމުން އެކަމުން ސަލާމަތްވުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. އެކަމަކު ހަގީގަތަކީ މިއެވެ. ކުށެއް ކުރީމާ ގާނޫނީ ގޮތުން ވަކި އަދަބެއް ދޭން ކަނޑައަޅައި ލިޔެވިފައި ހުންނަ ގާނޫނުތަކުގެ އެބައިބައި ތަންފީޒުނުކޮށް ދޫކޮށްލުމަކީ ގޯހެކެވެ. ވަކިން ހާއްސަކޮށް، އެހެން ވަނީ ކުށް ކުރި ފަރާތް ދެކެ ބިރުން، ނުވަތަ ލިބޭނޭ ރިޝްވަތަކުން ކަމަށް ވަންޏާ އެއީ އަދި މާ ދެރަ ކަމެކެވެ.

ދެރަ ކަމެކޭ މިބުނަނީ މިބުނާހެން ވާތީއެވެ. ގާނޫނަކީ އެއްކުށެއް ކުރި ވަކި ބައެއްގެ މައްޗަށް ތަންފީޒު ނުކުރެވިފައި، ހަމަ އެ ކުށް ކުރި އަނެއް ބަޔެއްގެ މައްޗަށް ތަންފީޒު ކުރެވޭ ގާނޫނަކަށް ވެއްޖިއްޔާ ގާނޫނެއް އޮތުމުގެ އެއްބޭނުން އެ ގެއްލުނީއެވެ. އެއީ ހަމަހަމަ ކަމާއި އަދުލު އިންސާފު ގާއިމު ކުރުމެވެ. އަދި އެއްގޮތަކަށް ވެސް ތަންފީޒު ނުކުރެވޭ ގާނޫނަކީ އޮތުމެކޭ ނެތުމެކޭ އެއްފަދަ ގާނޫނެކެވެ. އޮތުމާ ނެތުމާ އެއްފަދަ ވަންޏާ، އެފަދަ ގާނޫނެއް ހެދުމުގެ ބޭނުމެއްވެސް ނެތެވެ. ދުނިޔޭގެ އެކި ތަންތާނގައި މި ދެވައްތަރުގެ ގާނޫނުވެސް މިހާރުވެސް އެބަހުއްޓެވެ.

ވާހަކަ މިހިސާބަށް ދިޔައިމާ، މިކަހަލަ ކަންކަމާ އިލްމީ އަދި ފިކުރީ ނަޒަރަކުން ވިސްނާ ބަޔަކަށް ވިސްނަންޖެހޭ ވަރަށް މުނާސަބު ދެ މައްސަލަ އެބަ ކުރިމަތިވެއެވެ. އެތަނުން ފުރަތަމަ މައްސަލަޔަކީ މިއެވެ. ގާނޫނެއް އޮވެފައި، އެ ގާނޫނު އެންމެންގެ މައްޗަށް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ތަންފީޒު ނުކުރެވެންޏާ، ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކުގެ އަދުލުވެރިކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދުމެވެ. އެ ފަރާތްތައް އެ މަގާމުތަކުގައި ދެމިތިބުމުގެ ސައްހަ ކަމާމެދު ވެސް ސުވާލު އުފެދުމެވެ. ދެވަނަ މައްސަލަޔަކީ، ތަންފީޒު ނުކުރެވޭ، ނުވަތަ އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ތަންފީޒު ނުކުރެވޭ ގާނޫނުތައް ގިނަވާނަމަ، އެ ގާނޫނުތައް ހަދަން ވަގުތާއި މުސާރަޔާއި އެހެން ވަސީލަތްތަކުން ކުރާ ބޮޑު ހަރަދުގެ ބޭނުންތެރިކަމާމެދު ސުވާލު އުފެދޭނެ މައްސަލައެވެ. ގާނޫނުތައް ހަދާފައި ބެހެއްޓުމުގެ ބޭނުމާމެދު ސުވާލު ކުރެވުމުގެ މައްސަލައެވެ.

މި ބުނި ވާހަކަތަކަކީ މިރާއްޖޭގައި ވެސް ވަރަށް ފަރުވާތެރިކަމާއެކު ކަމާބެހޭ ފަރާތްތަކުން ސަމާލުކަން ދެވޭނޭ ކަންކަން ކަަމަށް ހީކުރަމެވެ.