ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 280،353 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަޑޯޒް ފުރިހަމަ ކޮށްފައި ވަނީ 327،379 މީހުންނެވެ. އޭގެތެރެއިން 280،353 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 4 ވަނަ ދުވަހު މާލެއިން 1,308 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 501 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 807 މީހެކެވެ. ހަމައެއާއެކު އަތޮޅުތެރެއިން އެ ދުވަހު ވަނީ 1,816 މީހަކު ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 739 މީހަކާއި ދެވަނަ ޑޯޒް ޖެހި 1,077 މީހެކެވެ.

ޖުލައި 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދެން ފަށާއިފައިވާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހައްދަން ޖެހެއެވެ.

އެސްޓްރަޒެނެކާ ޖަހައިދެން ފަށާފައި ވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެކްސިން ހުރި ވަގުތު އަވަހަށް ވެކްސިން ޖަހައި ނިންމުމަށް އިލްތިމާސް ކުރައްވާފައެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ ހަ ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.