މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެއްޖެއެވެ.

ނަޝީދަށް ހަމަލާ ދިން މީހުންނަށް ދައުވާ ކުރުމާމެދު ނިންމި ނިންމުން ތަފުސީލު ހާމަކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ކުރިއަށްގެންދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ އަދުހަމް 23 އަހަރުގެ ހުކުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

އޭނާ އަށް މި ދައުވާތައްކުރާ ސަބަބުތަކުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލާފައި ވާތީ އާއި އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއްވެ އެ ވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ނުރައްކަލެއް ކޮށްފައިވުން ހިމެނެއެވެ. އަދި މައްސަލައިގައި ތަހުގީގުގައި ސުވާލުކުރުމުން، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިސިސް އަށް ތާއީދުކުރާ މީހެއް ކަމަށް އިއުތިރާފް ވެފައިވެއެވެ.

މި ދައުވާތައް އޭނާއަށް ސާބިތުވެއްޖެ ނަމަ 40 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަންނާނެ އެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާގެ އަށް ކުރަން ނިންމާފައިވަނީ 23 އަހަރުގެ ހުކުމެއް އަންނަވަރުގެ ދައުވާތަކެވެ.

އަދުހަމްގެ އިތުރުން މުޖާޒް މުހައްމަދާއި ތަހްމީން އަހްމަދާއި އަލީ ހައިޝަމަށް ވެސް ވަނީ ބޮޑެތި ދައުވާތަކެއް އުފުލާފައެވެ.