ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާގެ ޝަރީއަތް ލައިވް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް އެދިވަޑައިގެންފިއެވެ.

ޝަމީމް މިފަދައިން ވިދާޅުވީ ނަޝީދަށް ހަމަލާ ދިން މީހުންނަށް ދައުވާ ކުރުމާމެދު ނިންމި ނިންމުމުގެ ތަފުސީލު ހާމަކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ.

ޝަމީމް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ފަދަ މައުލޫމާތު އެ ހަމަލާއާ ގުޅިގެން ހިންގި ތަހުގީގުން ލިބިވަޑައިގެންފައި ހުރި ކަމަށާއި އެ މައުލޫމާތު ނޫން ހުރިހާ މައުލޫމާތެއް ހާމަވެގެން ދާއިރު ޝަރީއަތުގެ މަރުހަލާ އެންމެންނަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް ގޮތް ނިންމާނީ ކޯޓުން ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

މެއި6 ގެ ހަމަލާއާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު، ތަހުމީން އަހުމަދު، މުޖާޒު އަހުމަދު އަދި އަލީ ހައިޝަމެވެ. މި 4 މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވާ އިރު މިހާރުވެސް މެއި 6 ގެ މައްސަލައާ ގުޅިގެން 5 މީހަކު ހައްޔަރުކޮށްފައި އެބަ ތިބި ކަމަށާއި، އެ މީސްމީހުންގެ ތަހުގީގުގެ މަރުހަލާތައް ނިމުމުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.