ކޮލެޖް ޔުނިވާސިޓީތަކާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މާސީ ގުޅިގެން ކުރިޔަށްގެންދިޔަ "އަހަރުމެންވެސް ފަލަސްތީނާއެކު" ކެމްޕޭން އިން ލިބުނު ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ހަވާލުކޮށްފިއެވެ.

މި ކެމްޕެއިން އިން ލިބުނު 125،000 ރުފިޔާ އައިއޭސީއާ ހަވާލުކޮށްފައިވަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ހަދިޔާކުރުމަށެވެ. މި ފައިސާ އައިއޭޗީއާ ހަވާލުކޮށްދީފައިވަނީ މާސީގެ ރައީސް އިބްރާހިމް އާހިރާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓް އެސޯސިއޭޝަން (އެމްއެންޔޫއެސްޔޫ)ގެ ރައީސް އަބްދުﷲ ޝަހުނީޒް އާއި ވިލާކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ)ގެ ނައިބުރައީސް އަހުމަދު އުވައިސް މުހައްމަދު އަދި ސްޓޫޑެންޓް އެސޯސިއޭޝަން އޮފް ކްލިކް ކޮލެޖް (އެސްއޭސީސީ)ގެ ރައީސް މަރިޔަމް ރީމް އާދަމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިއޭޗީގެ ޗެއާމަން އަހުމަދު އިގްބާލް ވަނީ މިފަދަ ބޮޑު މަސައްކަތެއް ރާއްޖޭގެ ކޮލެޖް ޔުނިވާސިޓީތަކުގެ ވޮލެންޓިއަރުން ގުޅިގެން ކުރިޔަށްގެންގޮސް ނިންމާލުމުން އެކަން ބަލައިގަނެ ތަރުހީބުދެއްވާފައެވެ. އަދި މި ކެމްޕެއިންގެ ދަށުން އެއްކުރެވުނު ފައިސާ ހަދިޔާކުރާނީ އައިއޭސީއިން ކުރިޔަށްގެންދާ "ރިބިލްޑިން ފަލަސްތީނު" މި ކެމްޕެއިންއަށް ކަމަށް އިގްބާލް ވިދާޅުވެފައިވެއެވެ.

"އަހަރުމެންވެސް ފަލަސްތީނާއެކު" ކެމްޕެިންގެ ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ވިލާކޮލެޖް

މާސީގެ ރައީސް އިބްރާހިމް އާހިރް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަނީ މި ކެމްޕެއިން ކުރިޔަށްގެންދިޔަ 2 މަސްތެރޭގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރައްވާފައެވެ. އަދި މި ކެމްޕެއިންގެ ޒަރިއްޔާއިން ކޮލެޖް ޔުނިވާސިޓީގެ ދަރިވަރުން ވަނީ އެކުދިންގެ ހުނަރުވެރިކަން ގައުމީފެންވަރުގައި ދައްކާލާފައެވެ.

އާހިރް ވަނީ ސްޓޫޑެން އެސޯސިއޭޝަން އަދި ޔޫނިއަންގެ ލީޑަރުންނަށާ މާސީގެ މެމްބަރުންނަށް މިފަދަ ކެމްޕެއިންއެއް ހިންގާ މިފަދަ ބޮޑު ކާމީޔާބީއެއް ހޯދީތީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އެމްއެންޔޫއެސްޔޫގެ ރައީސް ޝަހުނީޒް ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މި ކެމްޕެއިން ކުރިޔަށްގެންދިޔަގޮތަށް އަލިއަޅުވާލާފައެވެ. އަދި މި ކެމްޕެއިން ކުރިޔަށްގެންދިއުމަށްޓަކައި މާސީ އިން ދެއްވި އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތަށްފަހު ވީސީއެސްއޭގެ ނައިބުރައީސް އަހުމަދު އުވައިސް މުހައްމަދު މީޑިއާއަށް މައުލޫމާތުދެއްވަމުން ވަނީ މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވިކަމަށްޓަކައި މާސީގެ މެމްބަރުންނަށާ ސްޓޫޑެންޓް އެސޯސިއޭޝަން އަދި ޔޫނިއަންގެ ލީޑަރުންނަށާ ރާއްޖޭގެ ކޮލެޖް ޔުނިވާސިޓީތަކުގެ ވޮލެންޓިއަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެއިތުރުން މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމަށްޓަކައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށާ މި ކެމްޕެއިންގައި ބައިވެރިވި ހުރިާ ފަރާތްތަކަށް އުވައިސްް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

"އަހަރުމެންވެސް ފަލަސްތީނާއެކު" މި ކެމްޕެއިން އަކީ މޭމަހުން ފެށިގެން ރާއްޖޭގެ ކޮލެޖް ޔުނިވާސިޓީތަކުގެ ސްޓޫޑެންޓް އެސޯސިއޭޝަން އަދި ސްޓޫޑެންޓް ޔޫނިއަން އާއި ވޮލެންޓިއަރުން އަދި މާސީއާ ގުޅިގެން ކުރިޔަށް ގެންދިޔަ ކެމްޕެއިންއެކެވެ. މި ކެމްޕެއިންގައި ޓީޝާޓު ވިއްކުމާއި އެވެއާނެސް ޕްރޮގްރާމް ހިންގާފައިވެއެވެ.