މޯލްޑިވްސް ނެޗަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ވިލާ ކޮލެޖު ސަރަހައްދު އެންމެ ބާރުބޮޑުވާ ވަގުތު ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯ ކުރާ މައްސަލައިގައި މާލީ ބުރަ ފިލުވުމަށް ދަރިވަރުންގެ ސައިކަލުތައް ތޯ ކުރުން ހުއްޓާލުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ސަރަހއްދުގައި ހުންނަ ވެހިކަލްތައް ޓޯ ކުރާ މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސްއަށް ސިޓީއެއް ފޮނުއްވާފައި ވާތާ މިހާރު މަސް ދުވަސް ވެއްޖެ ކަމަށެވެ. އެމްއެންޔޫ އާއި ވިލާ ކޮލެޖް ކެމްޕަސް ކައިރިން ދަރިވަރުންނަށް ނިސްބަތްވާ އުޅަނދުތައް ޕީކް ކްލާސް ގަޑިތަކުގައި ޓޯކުރުމާ ގުޅޭ ގޮތުން އޭނާ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، އެ ސަރަހައްދަކީ ޕާކް ކުރާނެ ޖާގަ ނެތް ސަރަހައްދުތަކެއް ކަމުން އެތައް ދަރިވަރުންތަކަކަށް މި އުދަނގޫ ތަހައްމަލް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ކްލާސްތައް ކުރިއަށްދާ އެންމެ ބިޒީ ވަގުތުތަކުގައި ސައިކަލް ޕާކް ކުރާނެ ޖާގަ ނެތް ދަރިވަރުން އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުންނަ ސައިކަލުތައް ޓޯ ކުރުމުން ދަރިވަރުންނަށް ބޮޑެތި މާލީ ހުރަސްތައް ކުރިމަތިވަމުން އަންނަ ކަމަށް މުހައްމަދު ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ ހުޅުމާލެއިން މާލެއަށް އަންނަ ދަރިވަރުން ކަމަށާއި ސައިކަލު ޓޯކުރުމުން މި ވަގުތު ކްލާހަށް އައުމަާއި މާލީ ހުރަސްތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުޅުމާލެއިން މާލެއަށް ދަތުރުފަތުރު ކުރުމުގައި ކުރަން ޖެހޭ ހަރަދުގެ ވާހަކަ މުހައްމަދު ފާހަގަ ކުރައްވާފައި ވެއެވެ.

އެހެންކަމުން އެ ސަރަހައްދުން އުޅަނދުތައް ޓޯ ކުރުމުގެ ކުރިން އެ ސަރަހައްދަށް ޕާކް ކުރެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ. ކިޔަވާ ކުދިން ގިނަ ވާ ވަގުތުތަކުގައި މިއަށްވުރެ ލުއި ގޮތަކަށް ޓޯ ކުރުމުގެ ނިޒާމް ބައްޓަން ކުރުމަށް ވެސް އޭނާ އެދިވަޑައިގެންފައި ވެއެވެ. އަދި އެ ސަރަހައްދުން ޓޯ ކޮށްފައިވާ އުޅަނދުތައް ދަރިވަރުންނަށް ފަސޭހަ ގޮތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ވެސް މުހައްމަދު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ އިރު، ގަވައިދާ ހިލާފަށް ޕޚާްކޮށްފައި ހުންނަ އުޅަނދުތައް އަންނަނީ ޓޯ ކުރަމުންނެވެ. މި މައްސަލައިގައި އާޏމްުންގެ ގިނަ ބަޔަކު ބުނަނީ މާލެއަށް ނުކަތާ ވަރަށް އުޅަނދު ހުރުމާއެކު ޕާކް ކުރުމަށް ޖާގަ ނުލިބޭތީ ގަވައިދާ ހިލާފަށް ޕާކް ކުރާނެ ކަމަސާއި މި ކަމަށް ހައްލު ގެނައުމަށް އެންމެ ފުރަތަމަ ފިޔަވަޅަކަށް ވާންވާނީ ޕާޚް ކުރާނެ ޖާގަ ހޯދައި ދިނުން ކަމަށެވެ.