ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމުގައި ބަލާ މުއްދަތު ދަށްކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ހުށަހެޅީ މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމަށް ފަހިވާގޮތަށް ކަމަށް، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކޮށްފިއެވެ.
19 ވަނަ މަޖިލީހުން ބޭރުކުރި އެ އިސްލާހު އަލުން ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ، ކޮލެޖެއް މެދުނުކެނޑި ހިންގާތާ 15 އަހަރުވެއްޖެ ނަމަ ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭނެއެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮލެޖަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭނީ އެ ތަނެއް ހިންގާތާ 20 އަހަރު ވުމުންނެވެ. ރާއްޖޭން ބޭރުގައި ނަމަ 10 އަހަރު ވުމުންނެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް 19 ވަނަ މަޖިލީހަށް އޭރު ހުށަހެޅުއްވި އެ އިސްލާހު، ސަރުކާރުގެ ފަރާތުން މި ހިނގާ 20 ވަނަ މަޖިލީހުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ އިސްލާހުގެ ބަހުސް މަރުހަލާ ނިމި، ބިލު ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި ވޯޓުދިން 82 މެންބަރުންގެ ރުހުމާ އެކު އެ އިސްލާހު އިތުރަށް ދިރާސާކުރުމަށް ކޮމިޓީ އަށް ވަނީ ފޮނުވާލައިފައެވެ.
މިއީ ވަކި މީހަކަށް 'ފަހައިދޭ ކޯޓެއް' ކަމުގެ ތުހުމަތު
މި އިސްލާހަށް ބަހުސްކުރެއްވި މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، މި އިސްލާހު ފަރުމާކުރެވި މިހާ އަވަހަށް ހުށަހެޅިފައިވަނީ ވަކި ބައެއްގެ ވިޔަފާރިއާއި މަސްލަހަތު ކުރިއެރުވުމުގެ ނިޔަތުގައި ކަމަށާއި މިކަމާ މެދު ހިތާމަކުރާ ކަމަށެވެ.
މީކާއީލް ވިދާޅުވީ، ސަރުކާރުގެ ނިޔަތް ރަނގަޅުނަމަ، ސަރުކާރުން މިހާ އަވަހަށް މި އިސްލާހު ހުށަހަޅައި މަސައްކަތް އަވަހަށް ނިންމާލުނާނެ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމުގައި ބަލާ މުއްދަތު ދަށްކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ވައްތަރީ ވަކި ބޭފުޅަކަށް 'ފަހާފަ އޮތް ކޯޓަކާ' ކަމަށާއި، މިއީ މާ ބޮޑު އިސްލާހެއް ނޫން ކަމަށެވެ.
"މީގަ ހަމައެކަނި މަދީ ލޮކޭޝަނާއި ކުންފުނީގެ ނަން،" ސީދާ ގާސިމްގެ ނަމާއި ވިލާ ކޮލެޖުގެ ނަން ހާމަނުކުރައްވައި އޭނާ ވިދާޅުވިއެވެ.
ސަރުކާރު މެންބަރުން ގާސިމަށް ތައުރީފުކޮށް ޝުކުރުގެ ބަސްތައް
މި އިސްލާހަށް ބަހުސްކުރެއްވި މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ދިވެހިންނަށް މަތީ ތައުލީމު ފޯރުކޮށްދެއްވުމަށްޓަކައި ގާސިމް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.
"އުމުރު ދުވަސް އެމަނިކުފާނު އެ ހޭދަކުރެއްވީ މަތީ ތައުލީމު ދިވެހި ލޮބުވެތި ދަރިވަރުންނަށް އުނގަންނައިދެއްވުމަށްޓަކައި އިއްޒަތްތެރި ރައީސް، ސަރުކާރުތަކުން ކޮބައިތޯ ވަކި ކުރިއެރުމެއް ދީފަ އެ ދާއިރާތަކަށް؟" ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހީން ބޭރުގެ ކޮލެޖުތަކަށް ފޮނުވަން ޖެހެނީ އެ ތަންތަނާ އެއް ފެންވަރަކަށް ތައުލީމް ފޯރުކޮށްދެވޭ ވަރަށް ޕްރައިވެޓް ކޮލެޖުތައް ބާރުވެރިނުކުރެވޭތީވެއެވެ.
އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވެ، އިސްލާހަށް ބަހުސްކުރައްވަމުން އޭނާ ސިފަކުރެއްވީ މިދިޔަ ސަރުކާރުން ފެށި ހިލޭ ޑިގްރީގެ ޕްރޮގްރާމަކީ 'ބޮޑު ސްކޭމެއްގެ ގޮތުގަ'އެވެ.
"ޕްރައިވެޓް ކޮލެޖުތަކުގަ ހިންގަމުން ދިޔަ ކޯސްތަކުގެ އަގު ވައްޓާލައި، 60 ޕަސެންޓަށް ސަބްސިޑީ އެއް ދޭ އުސޫލުން ހިންގާފަ އޮތް ހިލޭ ޑިގްރީގެ ޕްރޮގްރާމެއް ހިންގާފަ އޮތީ،" މިހެންވުމުގެ ސަބަބުން ޕްރައިވެޓް ކޮލެޖުތައް އިނދަޖެހި ބައެއް ތަންތަން ބަންދުކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށް ފަހު މި އިސްލާހަށް ބަހުސްކުރެއްވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ ގާސިމަށް ތައުރީފްކުރައްވައި، ޒިޔާދު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައިފައެވެ. އަދި ގާސިމަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުން ބަލައިނުގަނެވޭނެ ކަމަށް ތިން ބޭފުޅުން ވެސް ވިދާޅުވިއެވެ.
މި ތިން ބޭފުޅުންގެ ތެރެއިން އައްބާސް ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ ޕްރައިވެޓް ކޮލެޖުތަކަށް ބެލިކަމުގައި ވިޔަސް، އެ ތަންތަނުން ވަރަށް ބޮޑަށް މަތީ ތައުލީމަށް އިންވެސްޓްކޮށްފައިވާ ކަމަށާއި، އެ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުވުމުން ގިނަ ދަރިވަރުންނަށް ތައުލީމް ހާސިލްކުރުމަށް ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް އަޅުގަނޑުމެންނާ ވާދަވެރި އެމްޑީޕީގެ އިއްޒަތްތެރި މެންބަރުން އެ ވިދާޅުވި ގޮތަށް މިއީ 'ވަކި ބޭފުޅަކަށް ފަހައިދޭ ކޯޓެއް' ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލެއްނުކުރަން،" އޭނާ ވިދާޅުވިއެވެ.