ވިލާ ފައުންޑޭޝަނުން ލޯނު ނެގި ހުރިހާ ދަރިވަރުންގެ ލޯނު މާފުކޮށްދިން ކަމުގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް މި މަސްތެރޭގައި ކުރިއަށް ގެންދިއުމަށް ތައްޔާރު ވަމުން އަންނަކަމަށް ވިލާ ފައުންޑޭޝަނުން ބުނެފިއެވެ.

ވިލާ ފައުންޑޭޝަނުން ބުނީ ލޯނު މާފުކުރި ކަމުގެ ލިޔުން މި މަހުގެ 27 އަދި 28 ވަނަ ދުވަހު ދޫކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި މިކަމާ ގުޅިގެން ކުރިއަށް ގެންދާ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ މައުލޫމާތު މި ލިންކު މެދުވެރިކޮށް ހިއްސާ ކޮށް ދިނުމަށް އެ ފައުންޑޭޝަނުން ވަނީ އެދިފައެވެ. މީގެ އިތުރުން އެ ފައުންޑޭޝަނުން ވަނީ މި މައުލޫމާތު އަންނަ އާދިއްތަ ދުވަހުގެ ކުރިން ހިއްސާ ކުރުމަށް އެދިފައެވެ.

ޖޭޕީގެ މެނިފެސްޓޯ އާންމު ކުރުމަށް ބޭއްވި ޖަލްސާގައި ވިލާ ފައުންޑޭޝަނުގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވައިދޭނީ ހިލޭ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވަނީ ވިލާ ފައުންޑޭޝަނުގެ ސްކޮލާޝިޕާއި ލޯނު ސްކީމުގެ ދަށުން ކިޔަވާފައި ތިބި ދަރިވަރުންނާ، މިހާރުވެސް ލޯނުގެ ދަށުން ކިޔަވަމުންދާ ހުރިހާ ދަރިވަރުން ދައްކަން ޖެހޭ ފައިސާ މައާފު ކޮށްދިނުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.