ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިލްމީ ދިރާސާތަކުގެ މައްޗަށް ކަންކަމުގައި ގޮތް ނިންމަވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުން މިއަދު މުޅިން އަލަށް ތައާރަފްކުރި ބެޗެލާ އޮފް ކުއަންޓިޓީ ސާވޭ އިން އާއި ބެޗެލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮގުރާމު ފެއްޓުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު އަމަލުކުރައްވާ އުސޫލުން، ގައުމުގެ ތަރައްގީ އާއި ކުރިއެރުމުގައި އިލްމީ ދިރާސާތައް މުހިއްމު ކަމަށެވެ.

ރާއްޖެ ތަރައްގީވަމުން އަންނަ ސްޕީޑުން، ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް އިލްމީ ދިރާސާތަކުން ހައްލުތައް ހޯދުން މުހިއްމު ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ކަންކަމުގައި ހައްލު ހޯދާނެ މީހުން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކި ކަންކަމުގެ ހައްލު ހޯދާއިރު، އިލްމީ ދިރާސާތައް ކުރުމުގެ މަގު ރައީސް ފަހިކޮށްދެއްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ތައާރަފްކުރި ޕޮލިޓިކަލް ސައިންސް ޕްރޮގްރާމް، ރާއްޖެއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމެއްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ދާއިރާއަށް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނެ ކަން ޔަގީންކުރައްވާ ކަމަށެވެ. މި ކޯހާއި ގުޅޭގޮތުން އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މި ކޯހުގެ ބޭނުމަކީ ވެރިކަމުގެ ނިޒާމް އެކުލެވިގެންވާ ގޮތާ، ސަރުކާރުގެ އޮނިގަނޑުތައް ބެހިގެންވާ ގޮތާ، ބާރުތައް ބެހިގެންވާ ގޮތާ، ރައްޔިތުންނާއި ގުޅުން ހުރި ސިޔާސަތުތައް އެކުލަވާލުމާ، އިންސާނީ ހައްގުތަކާ ބެހޭ ކަންކަން ދެނެގަތުމާއި ހާރިޖީ ގުޅުން ބަދަހިވާނެ ގޮތްތައް ދަސްކުރުން ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ކުރަމުން މި އަންނަ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމުތޯ ވެސް ޔުނިވާސިޓީން އިލްމު އުނގެނިގެން ނުކުންނަ ދަރިވަރުން ދިރާސާކޮށް ބަލަން ޖެހޭކަމަށެވެ.